ފޮރިން މިނިސްޓްރީ

ޗައިނާ ބޯޓު ރާއްޖެ އައިސް ދިރާސާއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

ޗައިނާގެ ކަނޑުގެ ދިރާސާ ކުރާ ބޯޓު ރާއްޖެ އަންނަނީ ދިރާސާއެއް ކުރަން ނޫން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޗައިނާގެ "ޝިޔެންގް ޔެންގް ހޮންގް 3" ނަމަކަށް ކިޔާ ބޯޓުގެ މައްސަލައިގައި ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފައި މިވަނީ މި ބޯޓާ މެދު ސަރަަހައްދީ ބައެއް ގައުމުތަކުން ސަމާލުވެ ކަންބޮޑުވުން ފާޅުކޮށްފައިވާ ވަގުތެއް ގައެވެ.

ޗައިނާގެ ބޯޓު އެންމެ ފުރަތަމަ ބަނދަރު ކުރަން ހުއްދައަށް އެދުނީ ސްރީލަންކާގައެވެ. ނަމަވެސް އިންޑިއާގެ ފިއްތުންތަކާ ގުޅިގެން ލަންކާގައި މި ބޯޓު ބަނދަރުކުރަން ހުއްދަ ދީފައެއް ނުވެ އެވެ.

ޗައިނާގެ ކަނޑުގެ ދިރާސާ ކުރާ ބޯޓުގެ ދަތުރާ ގުޅިގެން ސަރަހައްދުގައި ކަންބޮޑުވުމެއް އުފެދިފައި ވަނިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބޯޓު ރާއްޖެ އަންނަނީ ބޯޓުގައި ތިބި ކުރޫން ބަދަލުކުރުމަށައި ބޯޓުގައި ހުރި މުދާ އާކުރުމަށް ކަމަށެވެ. ޗައިނާގެ ބޯޓު ރާއްޖެ އައުމަށް ރަސްމީކޮށް ހުއްދަ ނަގާފައިވާ ކަމަށާއި އެކަމަކު ޗައިނާގެ ބޯޓުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދިރާސާކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށްވެސް ބަޔާނުގައިވެ އެެވެ.

މިބަޔާނުގައި ބުނެފައިވަނީ އަސްކަރީ އަދި މަދަނީ އުޅަނދުތައް ސުލްހަވެރި ކަންކަމުގައި ރާއްޖޭގައި ބަނދަރުކުރަން އަބަދުވެސް ހުއްދަދޭ ކަމަށާއި މިކަމާ ގުޅިގެން ގައުމުތަކާ އެކު ގުޅުން ބަދަހިވާ ކަމަށެވެ. ރާއްޖެއިން މިފަދަ ކަންކަމުގައި އަމަލުކުރަނީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ ގާނޫނީ އުސޫލުތަކާއި ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ.

ޗައިނާގެ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ)ގެ ފްލީޓަށް 2016 ވަނަ އަހަރު އިތުރުކުރި 4،500 ޓަނުގެ ބިޔަ އުޅަނދު ރާއްޖެއަށް ބަނދަރުކުރާނެ ކަމަށް ލަފާކޮށްފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

ޗައިނާގެ ޕައިލެޓް އޯޝެން ލެބޯރެޓަރީގެ "ޑިސްޓަންޓް ވޯޓާ" އަދި "ޑީޕް ސީ" ސާވޭ ކުރުމަށް 2019 އިން ފެށިގެން މި ބޯޓު ދަނީ ބޭނުންކުރަމުންނެވެ.