ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ރުހުން ނުދޭން ނިންމުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ މީހުންނާއި ސަރުކާރުގެ އިސްވެރިން މަޖިލިސް ކުރާގެ ކައިރީގައި އިހްތިޖާޖު ކުރަން ފަށައިފި އެވެ.
އިހްތިޖާޖު ކުރަން އިސްކޮށް ހުންނެވީ ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައި ހުންނެވި ސްޕެޝަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
އަދުރޭއާ އެކު އިޖްތިޖާޖުގައި ވަޒީރުންގެ ފެންވަރުގައި ތިއްބެވި ބައެއް ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބް މިނިސްޓަރުންވެސް އެބަތިއްބެވި އެވެ. އަދި ޕީޕީއެމް އާއި ޕީއެންސީގެ ގިނަ އަދަދެއްގެ އާންމު މެންބަރުންވެސް އިހްތިޖާޖުގައި އެބަތިއްބެވެ.
އިހްތިޖާޖު ކުރާ މީހުން ގޮވަމުން ދަނީ ހުރިހާ ވަޒީރުންނަށް ރުހުންދީ ސަރުކާރުގެ ތަރައްގީގެ ޕްލޭން ތަންފީޒުކުރަން ފުރުސަތު ދިނުމަށެވެ.
އިހްތިޖާޖުގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދޭން އުޅެނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ހުއްޓުވަން ކަމަށެވެ. ވަޒީރުންނަށް ރުހުން ނުދިނުމުގެ އަޑީގައި ހުރީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށްވެސް ވިދާޅުވި އެެވެ.
އިހްތިޖާޖު ކުރާ މީހުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.