ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ވަޒީރުންނަށް ރުހުން ނުދިނުމަކީ ސަރުކާރަށް ހުރަސްއެޅުން: ޕީޕީއެމް ޕީއެންސީ

ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސް އެޅުން ކަމުގައި ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕީއެމް ޕީއެންސީ އިން ބުނެފި އެވެ.

ޕީޕީއެމް ޕީއެންސީ އިން މިހެން ބުނެފައި މިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމުމުންނެވެ. ނަމަވެސް ރުހުން ނުދޭން ނިންމި ވަޒީރުންގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޕީޕީއެމް ޕީއެންސީ އިން ނެރެފައިވާ ބަޔާންގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާނޫނީ ގޮތުން ރައްޔިތުން އިންތިހާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރާތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ގާބިލް ބޭފުޅުން އައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއް ކަމަށެވެ.

އެގޮތުން ދައުލަތުގެ ވުޒާރަތައް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ގާބިލް ބޭފުޅުން ކަމަށް ބަޔާނުގައިވެ އެވެ. ވަޒީރުންގެ ގޮތުގައި މިހާރު ތިއްބެވީ ވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުން ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާ ހަމައަށް ގެނެސްދެއްވި ތަސައްވުރާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަ ގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެބޭފުޅުން ކުރައްވާނެ ކަމާމެދު ކޯލިޝަނުން އެއްވެސް ވަރަކަށް ޝައްކު ނުކުރާ ކަމަށެވެ. ވަޒީރުންނަށް ފުރިހަމަ އިތުބާރު އޮތް ކަމަށްވެސް ބުނެފައިވެ އެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަކަށް އައްޔަންކުރައްވާފައިވާ ވަޒީރުންނަށް އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރާންޖެހޭ ކަމެއް ކަމަށް ކޯލިޝަނަށް ގަބޫލުކުރާތީ ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައިވެސް ބަޔާނުގައިވެ އެވެ.

"އަދި ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތުދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކެމެވެ." ޕީޕީއެމް ޕީއެންސީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.