ކެބިނެޓް

އަސާސީ މުދަލުގެ އަގު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތުތަކެއް ތައާރަފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިފަދަ ސިޔާސަތުތަކެއް ތައާރަފުކުރުމަށް ރައީސް ޑރ. މުއިއްޒު ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ސިޔާސަތުތަކުގައިވާ ޓައިމްލައިނާ އެއްގޮތަށް ކުރެއްވުމަށް ނިންމެވި ކަންކަމުގެ ތެރޭގައި ޔުޓިލިޓީ ކުންފުނިތަކުން ތެލުގެ ހަކަތަ އުފައްދާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޜްރީން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކުރުރާސްތާ އަދި މެދުރާސްތާ ޕްލޭނެއް އެކުލަވާލުމަށް ނިންމެވުން ހިމެނެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދަންކުރުމުގެ ކެޕޭސިޓީ އިތުރުކޮށް ޒަމާނީ ގުދަންތަކާއި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރާނެ ސަރަހައްދުތަކެއް، އާބަން މިނިސްޓްރީން ކަނޑައެޅުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ނިންމެވި އެވެ. އެތަންތަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފެންނަ މޮޑެލް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕްބްލިކް ލިމިޓެޑް (އެސްޓީއޯ) އިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ނިންމެވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ގާއިމުކޮށްފައިވާ ވިޔަފާރި ބަނދަރުތަކުން ނަގަމުންދާ ފީ މުރާޖާކޮށް، މިކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ފެންނަ ގޮތް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ވަނީ ނިންމަވާފަ އެވެ.