ދަ ޑިމޮކްރެޓްސް

ސަރުކާރުން ގާނޫނުއަސާސީގެ ހުރުމަތް ކަނޑައިފި: ދަ ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ރުހުން ނުދޭން އިއްޔެ ނިންމި ތިން ވަޒީރަކު އަލުން ވަޒީރު ކަމަށް އައްޔަންކުރުމަކީ ސަރުކާރުން ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން މަގާމަށް އައްޔަންކުރެއްވި ނަމަވެސް އެ ބޭފުޅުންނަށް ރުހުން ހޯދުމަށް އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށެވެ.

ރުހުން ނުދިން ވަޒީރުން އަލުން ވަޒީރު ކަމަށް އައްޔަންކުރުން ދަ ޑިމޮކްރެޓްސް އިން ވަނީ ކުށްވެރިކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދީފައި ނުވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.

މި ތިން ބޭފުޅުންނަށް މަޖިލީހުން ރުހުން ނުދޭން ނިންމިތާ މަދުވަގުތުކޮޅެއްގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ތިން ބޭފުޅުން ކުރިން ހަވާލުވެވަޑައިގެން ތިއްބެވި ވުޒާރާތަކުގެ ވަޒީރު ކަމަށް އައްޔަންކުރައްވާފަ އެވެ.

ބަންޑާރަނައިބް އުޝާމަށް ފާޑު ކިޔާ ދަ ޑިމޮކްރެޓްސް އިން ބުނީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ބޭފުޅަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރެ، ދައުލަތް ތަމްސީލް ނުކުރެވޭނެ ކަމަށެވެ.

"ދަ ޑިމޮކްރެޓްސް އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި އަމަލުތައް ބަލައެއް ނުގަންނަމެވެ. އަދި ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމު ތަކަށް ކުޑައިމީސް ނުކުރެއްވުމަށް ހަނދުމަކޮށް އަރުވަމެވެ." ބަޔާނުގައިވެ އެވެ.