ދިރާގު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި 13 އެޕްރެންޓިސްއަކަށް މިއަދުގެ ރަސްމިއްޔާތުގައިވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އެވެ.

ރަސްމިއްޔާތުގެ ހާއްސަ މެހްމާނުންގެ ގޮތުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ ޑރ. މުހައްމަދު ކިނާނަތު، ދިރާގުގެ ބޯޑް އަދި މެނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާއަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް އިސްކަންދޭ އެކުންފުނީގެ އެންމެ މުހިއްމު އެއް ސީއެސްއާރް ޕްރޮގްރާމެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެސް މެއެވެ. 2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވިދިވިދިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 268 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.

މި ރަސްމިއްޔާތުގައި ދިރާގުން ވަނީ 21 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 14 ވަނަ ބެޗަށްވެސް މަރުހަބާ ކިޔާފަ އެވެ.

ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވެގެން ދެއެވެ. އަދި އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރެވޭނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފުވެރި މެހެމާން މިނިސްޓަރު އަލީ އިހްސާން ވަނީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން ގައުމީ އިޖުތިމާއީ ޒިންމާގެ މައިދާނުގައި އެންމެ ކުރިއަރާފައިވާ ކުންފުންޏަކީ ދިރާގު ކަމުގައި ފާހަގަކުރައްވާ މި ޕްރޮގްރާމްގެ ސަބަބުން ދިވެހި ޒުވާނުންގެ ކުރިއެރުމާއި ހުނަރު އިތުރުކުރުމަށް މުހިންމު މަގުތަކެއް ފަހިވެގެންދާ ކަންވެސް ފާހަގަކުރެއްވި އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދުވެސް ވަނީ ރަސްމިއްޔާތުގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ޒުވާނުން ބާރުވެރިކުރުވައި އެފަރާތްތައް ކުރިއެރުވުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުކަމަށް ފާހަގަކުރައްވާ އަދި މި ޕްރޮގްރާމްގެ ސަބަބުން ދިރާގުގެ އިންކްލޫސިވް އަދި ދެމެހެއްޓެނިވި "ޑިޖިޓަލް ރާއްޖެ" އެއް އުފެއްދުމުގެ ވިސްނުމަށް އެހީތެރިކަން ލިބިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

ދިރާގުން އަންނަނީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ. މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުންނެވެ. މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކާމިޔާބު ރަމްޒުކޮށްދޭ އެއް ހެއްކެވެ.

ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަގުބަލުގައިވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ.