އުރީދޫ

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހު

އުރީދޫ މޯލްޑިވްސް އިން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާ އަންނަ މާޗްމަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އުރީދޫން ބުނި ގޮތުގައި މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.

އެ ކުންފުނިން ބުނީ ހިއްސާދާރު އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަމަށެވެ.

އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 21 ވަނަ ދުވަސް ނިމުމުގެ ކުރިން އުރީދޫގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް އާންމުކުރާނެ ކަމަށް އުރީދޫން ބުނެ އެވެ.