ރައްޔިތުންގެ މަޖިލިސް

ރުހުން ނުދިން ބޭފުޅުންނަށް އަލުން ވަޒީރުކަން ދިނުމުން މަޖިލީހަށް ގަރާރެއް

ރައްޔިތުން މަޖިލީހުން ރުހުން ނުދިން ތިން ބޭފުޅުން އަލުން ވަޒީރު ކަމަށް އައްޔަންކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލުން އެކަމާ މެދު ވިސްނާ ވަޑައިގަތުމަށް ދަންނަވާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ގަރާރު ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

ގާނޫނުއަސާސީގެ ބައެއް މާއްދާތަކާއި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ޑިސެމްބަރު 9، 2010 ގައި ނެރެފައިވާ ހުކުމަކަށް ރިއާޔަތްކޮށް އީވާގެ ގަރާރުގައި ބުނެފައިވަނީ މަޖިލީހުން ރުހުން ނުދިނުމުން ދެން އެ ބޭފުޅަކު އަލުން ވަޒީރު ކަމަށް އައްޔަންކުރެވިގެން ނުވާނެ ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ މަޖިލީހުން ރުހުން ނުދިން ބޭފުޅުންތަކެއް އަލުން ވަޒީރުކަމަށް އައްޔަންކުރެއްވުމަކީ މަޖިލީހަށް ލިބިދީފައިވާ ބާރެއް ކާނޑުވާލާ، މަޖިލީހުގެ މަސައްކަތްތަކަށް ގޮންޖެހުން ކަމަށެވެ. މަޖިލީހުގެ ނިންމުމަކާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ އަމަލުކުރުމަކީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ނެތިގެން ދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިިނގައި ދާނެ ކަމެއް ކަންވެސް ހަނދާންކޮށްދީފައިވެ އެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ ސަރުކާރު ހިނގާ ނުހިނގާ ގޮތް ބަލައ ޖަވާބުދާރީކުރުވުމަކީ ގާނޫނުއަސާސީ އިން މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި ނަަމަވެސް މަޖިލީހުން ރުހުން ނުދިން ބޭފުޅުންތަކެއް އަލުން ވަޒީރު ކަމަށް އައްޔަންކުރުމަކީ ޖިލީހުގެ ބާރު ކަނޑުވާލުން ކަމަށެވެ.
އަދި ރައީސް މުއިއްޒު ނިންމެވުމަކީ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާ އާއި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"މިއީ ދިވެހި ދިވެހި ރައްޔިތުން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިނގައިގެންދާނެ ފަދަ ކަމެއް ކަމުގައިވާތީ ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާ މެދު އަލުން ވިސްނާ ވަޑައިގެން ގާނޫނުއަސާސީއަށް އިހްތިރާމު ކުރައްވައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެއްވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަމެވެ." ގަރާރުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަކީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ. މި ތިން ބޭފުޅުންނަށް މަޖިލީހުން ރުހުން ނުދޭން ނިންމި ދުވަހު ރައީސް މުއިއްޒު ވަނީ އަކުން މި ތިން ބޭފުޅުންނަށް ވަޒީރުކަން ދެއްވާފަ އެވެ.