ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަަޅައި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގައި ޖަލްސާ ހުއްޓުވާފައިވާތީ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުން އެކަން ކުށްވެރިކޮށްފި އެވެ.
ޑިމޮކްރެޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ތެރެއިން ވަޒީރުންނަށް ރުހުން ދިނުމާ މެދު މަޖިލީހުގެ މެމްބަރުން ފެނިވަޑައިގަންނަވާ ގޮތަކަށް އެ މެމްބަރުން ވޯޓު ދެއްވުމަކީ މެންބަރުންގެ ޒިންމާއެއް ކަމަށެވެ.
ސަރުކާރުން ބޭނުންވާ ގޮތް ނޫން ގޮތަކަށް މެމްބަރުން ވޯޓް ދެއްވާނަމަ ޖަލްސާއަށް ހުރަސްއެޅުމަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތަށް ހުރަސް އެޅުން ކަމަށްވެސް ޑިމޮކްރެޓުން ސިފަކުރައްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް މިއަދު ހެނދުނުން ފެށިގެން މަޖިލީހުގެ ރިޔާސަތު އެތައް ފަހަރަކު މަސައްކަތް ކުރައްވައިފި އެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމުގެ ސަބަބުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ޖަލްސާގައި އަދި ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ.
ޑިމޮކްރެޓުންގެ ބަޔާނުގައި ބުނެފައިވަނީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ނުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ މަސްއޫލިއްޔަތެއް އުފުލުމަށް ގާނޫނީ އެއްވެސް ހުއްޖަތެއް ނެތި ގަސްދުގައި ކުރި ޒިންމާދާރުކަން ކުޑައަމަލެއް ކަމަށެވެ.
"އެހެންކަމުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖްބޫރުކުރުމަށް ހިންގާ މިފަދަ އަމަލުތައް ނުހިންގުމަަށް މި ޕާޓީން ގޮވާލަމެވެ.،" ބަޔާނުގައިވެ އެވެ.
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ރުހުން ނުދިނުމަށް އެއްބަސްވެވޭ ވަޒީރުންގެ ތެރޭގައި ހިމެނެނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.
އެމްޑީޕީން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނެ އެވެ. އެކަމަކު ޑިމޮކްރެޓުން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓުގައި ސައީދު ނެތް ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވެ އެވެ. ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހިމެނެ އެވެ. ނަމަވެސް އެމްޑީޕީން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓްގައި މޫސާ ޒަމީރު ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެ އެވެ.