ރާއްޖެ ކުޅިވަރު

ޔުނައިޓެޑް އިން އާ ކޮންޓުރެކްޓެއް ހުށަހަޅާނެ ކަމުގެ ޔަގީންކަން ކަމެއް ނެތް: ވެން ޕާސީ

މެންޗެސްޓާ ޔުނައިޓެޑްއާއެކު މިހާރު ހަދައިފައިވާ ކޮންޓުރެކްޓް އަންނަ އަހަރު ހަމަވުމުން، އެ ކްލަބުން އާ ކޮންޓުރެކްޓެއް ހުށަހަޅާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޔުނައިޓެޑްގެ ފޯވަޑް ރޮބިން ވެން ޕާސީ ބުނެފި އެވެ.

އާސެނަލް އިން 2012 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި ވެން ޕާސީ ،31، ޔުނައިޓެޑްއާއެކު އޮތް މުސްތަގްބަލާމެދު އެއްޗެއް ބުނަން ދަތި ކަމަށެވެ.

"ކޮންޓުރެކްޓް އާކުރުމަކީ އަހަންނަށް އެކަނި ވާނެކަމެއް ނޫން. ކުރިއަށް އޮތް 18 މަސް ދުވަހު އަަހަރެން ހުންނާނީ ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި. އެކަމަކު ކޮންޓުރެކްޓް ހަމަވުމުން ވާނެ ގޮތެއް ނޭނގޭ،" ވެން ޕާސީ ބުންޏެވެ.

މި ސީޒަންގައި ކުޅުނު 25 މެޗުގައި ވެން ޕާސީ ވަނީ އަށް ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑްގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ވެން ޕާސީ 30 ލަނޑު ޖެހިއިރު، ދެވަނަ ސީޒަންގައި އޭނާ ވަނީ 18 ލަނޑު ޖަހައިފަ އެވެ.

ވެން ޕާސީ ބުނީ މި ސީޒަންގައި މިހާތަނަށް އޭނާ އަށް ޖެހިފައިވާ ލަނޑުގެ އަދަދާމެދު ހިތްހަމަނުޖެހޭ ކަމަށެވެ.

"އަހަރެން ބޭނުން ގިނަ ލަނޑުތަކެއް ޖަހަން. އަހަރެން ކޮންމެ ޓްރެއިނިންއެއްގައި އަދި ކޮންމެ މެޗެއްގައި ވެސް މަސައްކަތްކުރާނަން ލަނޑު ޖަހަން،" ވެން ޕާސީ ބުންޏެވެ. -- ބީބީސީ