ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީބިލް) އާއި ޓްރެޝަރީ ބޮންޑަށް އަނބުރާ ދައްކަންޖެހޭ އަދަދު 80 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މީގެ ތެރެއިން 32.6 ބިލިއަން ރުފިޔާއަކީ ސަރުކާރުން ދިވެހި ރުފިޔާއިން ނަގާފައިވާ ޓީ-ބިލުތަކަށް އަނބުރާ ދައްކަންޖެހޭ އަދަދެވެ.
ޓީބިލާއި ބޮންޑަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ ތެރެއިން ހަ ބިލިއަން ރުފިޔާ ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ދައްކަންޖެހެ އެވެ.
ސަރުކާރުގެ ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ ގޮތް
- އެއް މަސް: 6 ބިލިއަން ރުފިޔާ
- ތިން މަސް: 3 ބިލިއަން ރުފިޔާ
- ހަ މަސް: 5.7 ބިލިއަން ރުފިޔާ
- އެއް އަހަރު: 24.8 ބިލިއަން ރުފިޔާ
- އެއް އަހަރާއި ދެ އަހަރުގެ ތެރޭގައި: 700 މިލިއަން ރުފިޔާ
- ތިން އަހަރާއި ފަސް އަހަރުގެ ތެރޭގައި: 12.1 ބިލިއަން ރުފިޔާ
- ފަސް އަހަރާއި ހަތް އަހަރުގެ ތެރޭގައި: 2.1 ބިލިއަން ރުފިޔާ
- ހަތް އަހަރާއި 10 އަހަރު: 6.5 ބިލިއަން ރުފިޔާ
- 10 އަހަރާއި އޭގެ ފަސް: 19 ބިލިއަން ރުފިޔާ
ޓީ-ބިލަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.