މުހައްމަދު ސައީދު

އަމާޒަކީ މިއަހަރު ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމެންޓަކަށް ދިއުން: ސައީދު

މި އަހަރު ނިމެން ވާއިރަށް ޗައިނާ އާއެކު ފްރީ ޓްރޭޑް އެގްރީމެންޓަކަށް އައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ ދެވަނަ ބައްދަލުވުން ފެށުމަށް މިރޭ ޗައިނާގެ ބެއިޖިންގ އަށް ފުރާވަޑައިގަންނަވަމުން ނޫސްވެރިންނަށް ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިމަހުގެ 29 އިން އަންނަ މަހުގެ ހަތަރަކަށް ކުރިއަށްދާ މި ބައްދަލުވުމުގެ ސަބަބުން ފްރީ ޓްރޭޑް އެއްބަސްވުމަކަށް އައުމަށް ރާއްޖެއަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މިއީ މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށާއި އެންމެ ފުރަތަމަ އޮތީ ދެގައުމު ދެމެެދުގައި ޓެކްނިކަލް ޓީމްތަކެއް އެކުލަވާލައި އެއި އެކި އިންޑަސްޓްރީސްތަކުގައި ދެގައުމުގެ އިގްތިސާދު އެކުލެވޭގޮތަށް ފީޒިބިލިޓިއެއް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފީޒިބިލިޓީއަށްފަހު ދެގައުމުން ނިންމީ ފްރީ ޓރޭޑް އެގްރިމެންޓެކަށް ދެގައުމުގައި ކުރިއަށް ގެންދަން ޖާގަ އެބައޮތް ކަމަށް. ރައުންޑް ނެގޯޝިއޭޝަންސް މިވަނީ ރާއްޖޭގައި ކުރިއަށް ގެންގޮސްފައި. ދެން މިއޮތީ ދެވަނަ ރައުންޑު. އެރައުންޑަށް މިހާރު މިދަނީ. މި ބައްދަލުވުމަށްފަހު ދެގައުމުގެ ހައި ލެެވެލްގައި ގޮތްތަކެއް ނިންމާނެ. އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމެން ވާއިރަށް ފްރީ ޓްރޭޑް އެގްރީމެންޓަކަށް އައުން ޗައިނާ އާއެކު" މިނިސްޓަރު ވިދާޅުވި އެވެ.

މި އެގްރިމެންޓުގެ ދަށުން ރާއްޖޭގެ އުފެއްދުންތައް ޗައިނާގެ ބާޒާރުގައި ވިއްކާނެ މަގުފަހިވެގެންދާނެ ކަމަށާއި ޗައިނާއަށް އިމްޕޯޓު ކުރުމަށް ލުއިފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހާއްސަ ގޮތެއްގައި މަހާއި ދިވެހި ރައްޔިތުން މިބާނާ މަސް ޗައިނާ މާކެޓަށް އެއްވެސް ޓެރިފެއް ނެތި އިމްޕޯޓު ކުރެވޭނެ އިންތިޒާމަށް ވާހަކަ ދައްކަމުން މިދަނީ. އަދި ރާއްޖޭގެ އުފެއްދުންތައ ްޗައިނ ާމާކެޓަށް އެއްވެސް ޓެރިފެއްނެތި ނުވަތަ ކުޑަކުޑަ ޓެރިފަކާއެކު ވެއްދޭނެ އިންތިޒާމްތަކެއް ހަމަޖައްސަމުން މިދަނީ. "

"މި އެގްރިމެންޓުގެ ސަބަބުން ރާއްޖެއަށް ލިބޭ ފައިދާތަކަށް ބަލާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ 32 ޕަސަންޓް މިއަންނަނީ ޗައިނާއިން. އަދި މިކަމުގެ ސަބަބުން ކުރިއެރުން ލިބޭނީ ހަމައެކަނި ފަތުރުވެރިކަމަކަށް ނޫން. އަދި ރާއްޖެއިން އެކްސްޕޯޓު ކުރުމުގެ ފުރުސަތުތައް މިދަނީ ފަހިވަމުން" މިނިސްޓަރު ސައީދު ފާހަގަ ކުރެއްވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ގާއިމްކުރުމުގެ މަޝްވަރާ ކަރުދާހުގައި މިދިޔަ ސެޕްޓެމްބަރު މަހުވަނީ ސޮއިކޮށްފަ އެވެ.