މުހައްމަދު ސައީދު

ވެރިކަން ދިފާއުކުރުމަށް އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނަން: ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއުކުރުމަށް އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ހޯރަފުށި ދާއިރާއަށް ކެމްޕޭން ކުރައްވަމުން ގެންދަވާ އަލީ މޫސާގެ ކެމްޕޭން ހަރަކާތެއްގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މާލޭގެ މީރުމާ ހޮޓެލްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މިނިސްޓަރު ސައީދު ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މިވެރިކަން ދިފާއުކުރުމުގައި ޕީޕީއެމް ޕީއެންސީގެ އާންމު މެންބަރުން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ޑރ. މުއިއްޒުގެ ސަރުކާރު ދިފާއުކުރަން އަޅުގަނޑުމެންގެ ޕާޓީ އާއި ރައްޔިތުން އިންޗިއެއް ވެސް ދޫނުކޮށް، އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމްޑީޕީން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރެފައިވަނީ "މިސްރާބް ހަމަމަގަށް" އަޅުވަން ކަމަށް ބުނާއިރު އެމްޑީޕީ އަކީ މިސްރާބް ކައްސާލުމާ ގުޅިގެން ރައްޔިތުން ނޫނެކޭ ބުނެފައިވާ ޕާޓީއެއް ކަމަށެވެ. އެމްޑީޕީގެ މިދިޔަ ވެރިކަމަށްވެސް ރައްޔިތުން ނޫނެކޭ ބުނީ މިސްރާބް ހަމަމަގުން ނައްޓާލުމުން ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މަޝްރޫއުތައް ފެށިގެން ކުރިއަށް ގެންދާތީ ސައީދު ވަނީ އެއީ މިސަރުކާރުގެ ފަސް މަސް ދުވަހުގެ ތެރޭގައި ހޯދިފައިވާ ބޮޑު ކާމިޔާބެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖެ މުޅިން އެހެން ހިސާބަކަށް މިހާރުވެސް ގެންގޮސްފައިވާ ކަމަށާއި މިރާއްޖެ އަކީ ފުދުއްތެރި ތަނަވަސް ގައުމަކަށް ބަދަލުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީއަކީ މިއަދު ރައްޔިތުން ބަލައިގަންނަ ޕާޓީއެއް ނޫން ކަމަށް ދޭހަވާ ގޮތަށް ވާހަކަކުރިއަށް ގެންދަވަމުން ސައީދު ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަތަކުން ރައްޔިތުން ގުޑުވާ ނުލެވޭނެ ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމުގައި ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އަމާޒު ހިފި ރަށްތަކުގެ ތެރޭގައި ހޯރަފުށި ހިމެނޭ ކަމަށެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ހޯރަފުށީގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަސައްކަތް ފެށި ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން 1،000 އަށް ވުރެ ގިނަ ބޮޑެތި ކުންފުނިތަކުން ހޯރަފުށި މެޕްކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ އިސްކަމެއް ދޭ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ކުރިން މިހާރުވެސް ރާއްޖެ އަކީ ދުނިޔޭގައި އެންމެ ބޮޑަށް ބަންކަރިންގެ ހިދުމަތް ކުރާ ގައުމުގެތަކުގެ މެޕްގައި އޮތް ގައުމެއް ކަމަށް ވިދާޅުވި އެވެ. އަދި މިމަޝްރޫއާ އެކު އެންމެ ބޮޑު ކުރިއެރުމެއް އަންނާނީ ހޯރަފުށި ހިމެނޭ ސަރަހައްދަށް ކަމުގައި ވިދާޅުވި އެވެ.