ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އަހަރަކު 500 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ -- ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވަނީ އެއީ ރާއްޖޭގައި ޑޮލަރަށް ޕްރެޝަރު ބޮޑުވާ އެއް ސަބަބުކަން ފާހަގަކުރައްވާފަ އެވެ.
މިއީ މިއަދު އުފަންވި ކަމެއް ނޫން ކަމަށާއި ފާއިތުވި އަހަރުތަކުގައިވެސް މިކަން އޮތީ މިހެން ކަމަށް ސައީދު ވިދާޅުވި އެވެ.
ބިދޭސީން ބޭރުކުރާ ފައިސާއިން ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ރެމިޓެންސް ޓެކްސް ނަގަމުންދިޔަ ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި އެ ޓެކްސް އުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީ އައިސް ނޫންތޯ އެ ޓެކްސްވެސް އުވާލީ،" ސައީދު ވިދާޅުވި އެވެ.
އެކަންކުރީ ދައުލަތުގެ އާމްދަނީއަށް ބޭރު ފައިސާ އިތުރުކުރަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނެސް ނަގަން ފެށި މި ޓެކުހުގައި ނަގަނީ ބިދޭސީން ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސެންޓެވެ.
ރެމިޓެންސް ޓެކްސް ނެގުމަށް ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީން މުސާރަ ޖަމާކުރަން ރާއްޖޭގައި ބޭންކް އެކައުންޓަކަށެވެ.