މުހައްމަދު ސައީދު

އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއު ނޮވެމްބަރުގައި ފަށަނީ

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ހުއްދަ ދިން ފްލޯޓިން ސޯލާ ޕެނަލްތަކުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއަށް ހުއްދަ ދިނީ މިއަހަރުގެ އެޕްރީލް މަހު އެވެ.

މިމަޝްރޫއުގެ ދަށުން 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ލިބިގެންވާ ފްލޯޓިން ސޯލާ ޕެނަލް ހަރުކޮށް ލީ އޯން ބެޓެރި ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރާނެ އެވެ. ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މިމަޝްރޫއުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ އެވެ.

ދައުލަތުގެ މީޑިއާ -- ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ މި މަޝްރޫއުގެ ލައިސެންސް އޮކްޓޫބަރު މަހު ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް 500 މިލިއަން ޑޮލަރާއި 600 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ތެޔޮ ގަތުމަށް ހޭދަކުރާކަން ފާހަގަކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ އެސްއީޒެޑްގެ މި މަޝްރޫއާއެކު ތެޔޮ ގަތުމަށް ކުރާ ހޭދައިގެ ބޮޑު ބައެއް ސަލާމަތްކުރެވޭނެ ކަމަށެވެ.