ޑރ. މުހައްމަދު މުއިއްޒު

އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ އަދަދަށް ބަދަލު ގެނެސްފި

ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ އަދަދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ބަދަލު ގެންނަވައިފި އެވެ.

މީގެ ކުރިން އެސްއީޒެޑްގައި އިންވެސްޓްކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓަކީ 150 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓަކަށްވާން ޖެހެ އެވެ.

އެކަމަކު ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރާއެކު އެސްއީޒެޑްގައި 100 މިލިއަން ޑޮލަރަށްވުރެ ކުޑަ ނޫން އިންވެސްޓްމަންޓްތަކަށް މިހާރު ހުށަހެޅޭނެ އެވެ.

އެސްއީޒެޑްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތައް

  • އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް.
  • ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން، ޑޮކިން ސާވިސް.
  • ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރީސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.
  • ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް
  • އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާ.
  • ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.
  • ފުޑް ސެކިއުރިޓީގެ ދާއިރާ.
  • ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.

މާލީ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެސްޓްމަންޓުގެ އަގު ކަމުގައި ބަލާނީ ޑިވެލޮޕަރު ގާއިމުކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމަންޓް ގާއިމުކުރުމަށް އެ ފަރާތުން ހަރަދުކުރުމަށް ހުށަހަޅާ މިނިމަމް ފިކްސްޑް އިންވެސްޓްމަންޓުގެ އަދަދަށް ކަމަށް ރައީސް މުއިއްޒުގެ ގަރާރުގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެސްޓްމަންޓުގެ އަގުކަމުގައި ބަލާނީ ޑިވެލޮޕަރު އެ ތަނެއްގައި ގާއިމުކުރަން ހަރަދުކުރާ ފިކްސްޑް އިންވެސްޓްމަންޓަށާއި މާލީ ހިދުމަތް ފަށައިގަތުމަށް ރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ކޮމިޓްކުރާ ކެޕިޓަލް އިންވެސްޓްމަންޓަށް ކަމަށް ގަރާރުގައި ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒުގެ ގަރާރުގައިވާ ގޮތުން ޑިވެލޮޕަރު ހުށަހަޅާ ޖުމްލަ އިންވެސްޓްމަންޓުގެ ތެރޭގައި ހިމެނޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓުގެ ބައިތަކަށް ހަރަދުކުރާ ޖުމްލަ އިންވެސްޓްމަންޓުގެ މިންވަރަށްވުރެ، ސްޓްރެޓީޖިކް ބައިތަކުގެ ބޭރުން އެ އިންވެސްޓްމަންޓުގައި ހިމެނޭ އެހެނިހެން ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓް ބޮޑުވެގެން ނުވާނެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި ގާއިމުކުރާ އެސްއީޒެޑެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަތީން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އަހަރަކު އެއްފަހަރު އިއުލާނުކުރަން ޖެހެ އެވެ.

އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރު މީގެ ކުރިން ކަނޑައަޅުއްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގަރާރަކުން ޖެނުއަރީ 31، 2018 ގަ އެވެ.

ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރާއެކު ކުރީގެ ގަރާރަށް އަމަލުކުރުން ވަނީ ނިމުމަކަށް އައިސްފަ އެވެ.