އަބްދުﷲ ޖިހާދު

އެމްއައިއެފްއެސްއޭގެ ޗެއާޕާސަނަކަށް ޖިހާދު

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ)ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީ އިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ ޖެނުއަރީ 21 ވަނަ ދުވަހު އުފައްދަވާފައިވާ މި އިދާރާ އަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާ އެކެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއައިއެފްއެސްއޭގެ ގަވާނިން ބޯޑް، ރައީސް އެކުލަވާލައްވާފައިވާ ކަމަށާއި އެތަނުގެ ޗެއާޕާސަނަކަށް ޖިހާދު އައްޔަންކުރައްވާފައިވާ ކަމަށެވެ. ރާއްޖޭގެ މާލީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ޖިހާދު ފުއްދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

އަބްދުﷲ ޖިހާދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބް ރައީސް ކަމާއި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ އެމްއެމްއޭގެ ގަވަރުނަރުކަންވެސް ކުރައްވަވާފަ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ހިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށެވެ.

މީގެއިތުރުން ރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމަކީ މިއިދާރާ ގާއިމުކުރެއްވުމުގެ ބޭނުމެކެވެ.