މުހައްމަދު ސައީދު

ސައީދުގެ ރައްދު އަމީރަށް: ހާލަތު ގޯސްވީ ފައިސާ ޗާޕުކުރުމުން

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެންމެފަހުން އިއުލާނުކުރި އިރަށްވުރެ މިހާރު ހާލަތު ގޯސްކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްކެވި ވާހަކަތަކަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.

ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި -- ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން "ސީސީސީ ޕްލަސް"އަށް ދަށްކުރީ މިއަހަރުގެ ޖޫން މަހު އެވެ.

ފިޗްގެ ކްރެޑިޓް ރޭޓިން 2021 ގައި ސީސީސީ މައިނަސްއަށް ވެއްޓުނު ނަމަވެސް 2022 ވަނަ އަހަރު އެ ރޭޓިން ބީ މައިނަސް ސްޓޭބަލް އަށް މަތިކުރެވުނެވެ. 2023 ވަނަ އަހަރު އެ ރޭޓިން ބީ މައިނަސް ނެގެޓިވްއަށް ދަށްވުމަށްފަހު 2024 ވަނަ އަހަރު ވަނީ ސީސީސީ ޕްލަސްއަށް ވެއްޓިފަ އެވެ.

ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި ބޭރުގެ ދަރަނި ހޯދުމާއި އަދާކުރުމަށް ހުރި ދަތިތަކާޢި ބޭރު ފައިސާގެ ރިޒާވް ދަށްވުން ހިމެނޭ ކަމަށް ޗާޓަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވި އެވެ.

"މި މައްސަލަތައް މިހާރު ވަނީ އިތުރަށް ގޯސްވެފަ،" އަމީރު ވިދާޅުވި އެވެ.

ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އިންޑިއާއާމެދު ނުތަނަވަސްކަން އުފެދި އޭގެ އަސަރު ފަތުރުވެރިކަމަށް ކުރި ކަމަށް އަމީރު ވިދާޅުވި އެވެ.

ޑޮލަރު އާމްދަނީ 15 ޕަސެންޓް އިތުރުވި ނަމަވެސް ރަސްމީ ރިޒާވް ދަށަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަސްކަރީ ޑްރޯން ގަތުމަށް 37 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށާއި އިންޑިއާގެ ޓީބިލަކަށް 50 މިލިއަން ޑޮލަރު މާކުރިން ދައްކާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރުގެ ވާހަކަތަކަށް ރައްދު ދެއްވާ މިނިސްޓަރު ސައީދު ވިދާޅުވީ ޖީޑީޕީ ގްރޯތު ދަށަށް ގޮސްފައިނުވާ ކަމަށެވެ.

ހާލަތު ގޯސްވިނަމަ އެކަން ދިމާވީ އެމްޑީޕީ ކުރި ކަންކަމުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ފައިސާ ޗާޕުކުރުމާއި ބޮންޑް ދެއްކުން ފަސްކުރުން ހިމެނޭ ކަމަށް ސައީދު ވިދާޅުވި އެވެ. މީގެ އިތުރުން ބޭންކިން ނިޒާމު ތޮއްޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އެކަންކަން ކުރީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށްވެސް ސައީދު ވިދާޅުވި އެވެ.