އެމްޑީޕީ

ބަހަނާ ނުދައްކާ، އިސްލާހު އަވަސްކުރޭ: އެމްޑީޕީ

ސަރުކާރުން އިތުރު ބަހަނާ ނުދައްކައި އިގްތިސާދު ހަރުދަނާ ކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން މިކަމަށް ގޮވާލާފައި މިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖެ އަށް "ސީސީ" ރޭޓިން އެއް ދިނުމާ ގުޅިގެން އެމްޑީޕީއަށް ފާހަގަކުރެވޭ ކަންކަން ހިމަނައިގެން ނެރުނު ބަޔާނެއްގައެވެ.

މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ރޭޓިން ފިޗް އިން ދަށްކުރި ދެވަނަ ފަހަރެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބެލުމަށްފަހު މިދިޔަ ޖޫން މަހު ފިޗް އިން ރާއްޖޭގެ ރޭޓިން އޭރު ދަށްކުރީ "ސީސީސީ ޕްލަސް" ގައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބަށްފަހު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި ނުވާއިރު މިއީ އެމްޑީޕީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ އިދާރާތަކުގެ އިތުބާރު އޮތް ކަމާއި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާތަކަށް އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ދެވަނަ ފަހަރަށް އަދި އެއްފަހަރާ ތިން ދަރަޖަ ތިރިއަށް ކްރެޑިޓް ރޭޓިން ދަށްކުރުމުން ދައްކުވައިދެނީ މިހާރުގެ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން މާލީ ހާލަތު އިންތިހާއަށް ގޯސްވަމުންދާ ކަން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. މާލީ ހާލަތު ގޯސްވަމުންދާކަން ރަމްޒުކޮށްދޭ ކަންކަމުގެ ތެރޭގައި ދައުލަތުގެ ހަރަދު ބޮޑުވުމާއި، މާލީ އިސްލާހުތައް ލަސްކުރުމާއި، ރާއްޖޭގެ ރަސްމީ ރިޒާވް މެނޭޖްނުކުރެވި ދަށަށް ދިއުމާއި، ބޭރުން ފައިސާ ހޯދުމަށް ނުކުޅެދިފައިވުން ހިމެނޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ފިޗް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަށް ނިންމި ނިންމުމުން އިގްތިސާދީ ގޮތުން ކަންބޮޑުވާންޖެހޭ އެތައް ކަމެއް ފާހަގަކޮށްފައިވެ އެވެ. ފިޗްއިން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ބޮޑު ތަނުން ދަށަށް ދިއުމާއި ބޭރުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ މިންވަރު އިތުރުވުން ހިމެނެ އެވެ. ނަމަވެސް މި ޕާޓީން ދެކޭގޮތުގައި މި މައްސަލަތަކާ ގުޅުންހުރި ކަންކަން ދެނެގަތުމަކީ މި ހާލަތުގެ ނުރައްކާތެރިކަން ވަޒަންކުރުމަށް ވަރަށް މުހިއްމު ކަމެކެވެ،" ބަޔާނުގައިވެ އެވެ.

ފިޗް އިން ރާއްޖޭ ރޭޓިން ދަށް ކުރި ކަމަށް އެމްޑީޕީން ދެކޭ ތިން ކަމެއްވެސް ބަޔާނުގައިވެ އެވެ. އެގޮތުން ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށާއި އިޤްތިސާދަށް ވީ ގެއްލުމާއި ބޭކާރު އަދި ރޭވުމެއްނެތި ސަރުކާރުން ކުރާ ހަރަދުތަކުގެ ސަބަބުން ރިޒާވް ހީނަރުވުމާއި ފިސްކަލް ރިފޯމް ލަސްކުރުން ހިމެނެ އެވެ.

އެމްޑީޕީން ބުނީ ރާއްޖެއަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ. މީގެ ތެރޭގައި ބޭކާރު ހަރަދުތައް ހުއްޓައިލުމަށާއި މި ވަގުތަށް މުހިއްމު ނޫން ހުރިހާ ހަރަދުތައް މަދުކުރުމަށާއި، މާލީ އިސްލާހުތައް ނުވަތަ ފިސްކަލް ރިފޯމް އަވަސް ކުރުމަށާއި، ރަހްމަތްތެރި ގައުމުތަކާއި ބައިނަލްއަގްވާމީ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށާއި އަވަސް ގޮތެއްގައި ރާއްޖޭގެ ރިޒާވް ސަޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުން ހިމެނެ އެވެ. މީގެ އިތުރުން ދައުލަތުގެ މާލީ ހިސާބުތައް އާންމު ކުރުމަށް އަލުން ފެށުމަށާއި، ރައްޔިތުންނަށް ތެދު ހާމަކުރުމަށާއި، ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ދިއުމަށްވެސް ގޮވާލާފައިވެ އެވެ.

"އަވަހަށް ފިޔަވަޅު ނޭޅިއްޖެނަމަ މާލީ ހާލަތު އިތުރަށް ދަށަށް ދިއުމާއި، ކްރެޑިޓް ރޭޓިން އިތުރަށް ދަށަށް ދިއުމާއި، އަދި އިގްތިސާދީ ހާލަތު އިތުރަށް ހީނަރުވުމުގެ ހިރާސް ބޮޑުކަންވެސް ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.

ކްރެޑިޓް ރޭޓިން މަތިވާނެ ކަންކަމުގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ ބޭރުގެ ފައިނޭންސް ހޯދުމާއި މާލީ އިސްލާހުތައް ގެނައުމުގައި ފާހަގަކުރެވޭ ކުރިއެރުން ހޯދުމެވެ. އެކަންކަމަށް އިޝާރާތްކޮށް އެމްޑީޕީން ވަނީ އެ ކަންކަން ލަސްނުކޮށް ކުރުން މުހިއްމު ކަމަށްވެސް ބުނެފަ އެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަނީ ގައުމުގެ އިގްތިސާދީ މުސްތަގްބަލާއި ރައްޔިތުންގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސަރުކާރުން އިތުރު ބަހަނާ ނުދައްކައި މަސައްކަތްކޮށްދިނުމަށެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.