ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމަކީ ދިވެހިންނަށް އެކަނި ކުރެވޭނެ ކަމެއް ކަމަށް ހެދުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ބަޔަކު ދެކޮޅު ހަދައި ޖޯކު ޖެހުމަކީ ލަދުވެތި އަމަލެއްް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ދިވެހިން އަމިއްލަ ބެލުމަށް އެކަމާ ގުޅޭ ގާބިލްކަން ގާއިމުކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށްޓަަކައި އިއްޔެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެމަގުންވެސް ގައުމު ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ވަރުގަދަކުރަންޖެހޭ ކަމަށާއި އެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
"ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ މި ވާހަކަފުޅަށް އިއްޔެ މެންދުރުފަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މަޖިލިސް މެންބަރުންގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް މިރޭ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމަށްވާ 970،000 އަކަކިލޯމީޓަރުގެ ސަރަހައްދު މީގެކުރިން ދުވަހަކުވެސް ބެލެހެއްޓިފައި ނެތް ކަމަށާއި އެ ސަރަހައްދު ބަލަހައްޓައި ހިމާޔަތް ކުރާނެ ކަމަށް ވިދާޅުވުމުން ދިވެހިންގެ ބަޔަކު މަލާމާތްކޮށް ޖޯކު ޖެހުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
ތ. ވޭމަންޑޫގައި މިރޭ އޮތް ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު އަދި މިހާތަނަށް އެންމެ ފައިދާވާ ގޮތަށް ބޭނުން ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ރައީސް ވިދާޅުވީ މަސްވެރިން މަހަށް ނިކުމެ އިގްތިސާދީ ސަރަހައްދުގެ ބޭނުން ރަނގަޅަށް ހިފައިފިނަމަ ރާއްޖޭގައި މިވަގުތު އެއްވަނައިގައި އޮތް ފަތުރުވެރިކަމުގެ ދާއިރާއަށް ވުރެ ބޮޑު ނަފާއެއް މަސްވެރިކަމުގެ ދާއިރާ އިން ހޯދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ސަލާމަތް ކުރުމާއެކު ސިޔާދަތީ ބާރުގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަު ކޮންމެވެސް ބަލަހައްޓައި ހިމާޔަތް ކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރުގެ އިންފާރުގެ އެތެރެ ބަލަހައްޓަން ޖެހޭނީ އެހެން ބަޔަކު އައިސްތޯ ނޫނީ އަޅުގަނޑުމެން އަމިއްލައަށް އެ ކެޕޭސިޓީ ބިލްޑް ކޮށްގެންތޯ އެއީ އޮތް ސުވާލަކީ،" ފާޑުކިޔާ މީހުންނަށް ރައްދުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެމަގުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ދިވެހިން އަމިއްލައަށް ވަރަށް އަވަހަށް ބަލަހައްޓަން ފަށާނެ ކަމަށާއި އެ ވަަސީލަތްތައް ވަރަށް އަވަހަށް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އެހެންވެ ރައީސް ވަނީ މިމަސައްކަތަށް ޖޯކު ޖަހާ މީހުންނަކީ ގައުމު ދެކެ ލޯބިވާ ބައެއްތޯ ސުވާލު އުފައްދަވާފަ އެވެ.
"މިއީ އަޅުގަނޑުމެން ސިކުނޑިން ވިސްނަންޖެހޭ ކަންތައް. މިއީ ދިވެއްސަކަށް ވީތީ މިއަދު ސީރިއަސްކޮށް ވިސްނަންޖެހޭނެ ކަންތައް. އަޅުގަނޑު މިއުޅެނީ ކޮންފްރޮންޓޭޝަން އަކަށް އެއްވެސް ގައުމަކާ އެކު ދާކަށް ނޫން. އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރިކަމުގެ މައްޗަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ހުރުމަތްތެރިކޮށް ހިތާހާ ހިނދަކު ރާއްޖެއިން ދުޝްމަން ވާނެ އެއްވެސް ގައުމެއް ނޯންނާނެ ކަމަށެވެ. ރާއްޖެއަށް އެހީވާ އަދި އިގްތިސާދީ ގޮތުން ފައިދާވާ ކަންކަން ކޮށްދޭ އަދި ރާއްޖޭގެ ދާހިލީ ކަންކަމާ ނުބެހޭ ކޮންމެ ގައުމަކާ އެކު ވެސް ރާއްޖެއިން އެކުވެރިކަން ބާއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ގައުމެއް ވިޔަސް އެންމެ ބޮޑު ގައުމާ ހަމަހަމަ ގޮތެއްގައި ހަމަހަމަކަން ގާއިމްކޮށްދޭ، އަޅުގަނޑުމެންގެ އިމަކީ އަޅުގަނޑުމެންގެ އިންކަން އެ އިމުގެ އެތެރެއަށް އެހެން ބައެއްގެ ނުފޫޒު ނުފޯރުވޭނެ ކަން ގަބޫލުކުރާ ކޮންމެ ބަޔަކާއެކީގައި އަޅުގަނޑުމެން ތިބޭނީ އެކުވެރިކަމުގެ ރޫހުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި އެއްވެސް ގައުމަކާ ދުޝްމަންވެގެން ދިވެހިން ނޫޅޭ ކަމަށާއި އެކަމަކު އެހެން ބަޔަކު އުޅެނީ އަޅުގަނޑުމެންނަކީ ދުޝްމަނުން ކަމަށް "ލޭބަލް" ކުރުވަން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.