ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ހިކުމާ އަހްމަދު ނިޒާރު މިއަދު އައްޔަނުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހިކުމާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ.
އޭނާއަށް ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އެވެ. އަދި މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިކުމާއާ މިއަދު ހަވާލުކުރައްވާފަ އެވެ.
ހިކުމާ އަހްމަދު މީގެކުރިން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު 2020 އިން 2024 އަށް އަދާކުރައްވާފަ އެވެ.
ހިކުމާ ވަނީ އެވިޑް ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ އެވެ. އަދި މިހާރު ދަނީ މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވަމުންނެވެ.