ރައްޔިތުންގެ މަޖިލިސް

ގޯތިތައް ވަކި މުއްދަތެއްގައި ދޭން ލާޒިމުކުރާ އިސްލާހުގެ ބަހުސް ފަށައިފި

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތައް ވަކި މުއްދަތެއްގައި ދޭން ލާޒިމުކޮށް ރާއްޖޭގެ ބިމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް މިއަދު ފަށައިފި އެވެ.

ރާއްޖޭގެ ބިމާބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

މީކާއީލް މި އިސްލާހު ހުށަހެޅުއްވީ ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް" ގެ ދަށުން މާލެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ ބަންޑާރަ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުން އަވަސްކުރުމުގެ ގޮތުންނެވެ.

މީކާއީލް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އެ އިސްލާހަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭނެ އެވެ،

މީގެ އިތުރުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު މީހުންނަށް ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަނީ ހުށަހަޅާފަ އެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އިންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.

ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 18،955 މީހުން ޝަރުތު ހަމަވިއިރު 9،003 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށްނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހެޅި އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރެ އެވެ.