ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ރައްޔިތުންނަށް އެންމެ މުހިއްމު ވާނެ ކަންކަމަށް ބަލައިގެން ރައްޔިތުން އެ ކަންކަން ތަރުތީބު ކުރާ ގޮތެއްގެ ތެރެއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. ވަންދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ދަތިކަމާއެކު ހުރިހާ ރަށެއްގެ ކައުންސިލަކުންވެސް އެ ރަށެއްގައި މިއަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކުރަން ބޭނުންވެފައިވާ އަދި އެންމެ އިސްކަންދޭ ކަންކަމުގެ ތަރުތީބެއް، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކަނޑައެޅުން މުހިއްމު ކަމަށެވެ.
"އެގޮތަށް ތަރުތީބު ކޮށްލުމުން ކަނޑައެޅޭ އުސޭލެއްގެ ތެރެއިން މިއަހަރުގެ ތެރޭގައި ފެށެން ހުރި މަޝްރޫއުތައް ފެށުމަށް ސަރުކާރުން މަސައްކަތްކުރާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވަންދޫއަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަޝްރޫއު ކަމަށެވެ. އެހެންކަމުން އެ މަޝްރޫއު އެންމެ އިސްކަންދޭ މަޝްރޫއުގެ ގޮތުގައި ސަރުކާރުން ކުރިއަށް ގެންގޮސްދޭނެ ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ދެންހުރި ތަރައްގީގެ ކަންކަމުގައި އިސްކަންދޭ ތަރުތީބެއް ކަނޑައެޅުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި ވަންދޫގެ ތަރައްގީއަށް ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސްދޭނެ ކަމަށާއި އެކަންކަން ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަކަށް ކަމުގައި ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ސަރުކާރުން މިހާރު ކައުންސިލްތަކަށް އިގްތިސާދީ މަސައްކަތްތައް ކުރުމަށް ރަށެއް ލިބޭގޮތަށް ފަހިކޮށްދީފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް ކައުންސިލުތަކަށް ގޮވާލައްވާފަ އެވެ.
"މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ގަވައިދުގައިވާ ގޮތަށް އެފަދަ ރަށެއް ބޭނުންކުރެވޭނީ އެ ރަށެއްގެ ވަކިވަކި ފަރުދުންނާއި ވިޔަފާރިތައް ހިމެނޭހެން އެރަށެއްގެ މުޅި މުޖުތަމައަށް ފައިދާވާ ގޮތަށް. އަދި ކައުންސިލަށް އާމްދަނީ އިތުރުކުރެވޭ ގޮތަށް،" ރައީސް ވިދާޅުވި އެވެ.