ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ތައުރީފު ކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިސަރުކާރުގެ ހާރިޖީ ސިޔާސަތަށް ތައުރީފް ކުރެއްވީ ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރުވުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ބަޔާނެއް ގައެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތެރެއިން ވަކިން ހާއްސަކޮށް ފަލަސްތީނު މައްސަލައިގައި މިސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން އަަޅާފައި ނުވާވަރުގެ ހަރުދަނާ ފިޔަވަޅުތަކެއް ކަމުގައި ރައީސް ވަހީދު ވިދާޅުވި އެވެ.
"އޯއައިސީގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަކީ ފަހަކަށް އައިސް އެއްވެސް ގައުމެއްގެ ވެރިއަކު ދައްކަވާފައިވާ އެންމެ ބާރުގަދަ އަދި ސާބިތު ވާހަކަފުޅު،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ސައުތު އެފްރިކާއިން އިޒުރޭލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތާއީދުކޮށް، ގާބިލް ވަކީލުންގެ ޓީމެއްވެސް ފަލަސްތީންގެ ހައްގުގައި ފޮނުވި ކަމަށެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ހާރިޖީ ގުޅުންތައް ވަރުގަދަކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި އިންޑިއާ އަދި ޗައިނާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުންވެސް ހިމެނެ އެވެ. މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމުގައި ރައީސް ވަހީދުވެސް ވިދާޅުވި އެވެ.
އިގްތިސާދީ ގޮތުން ގައުމު ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސް ވަހީދު ތައުރީފް ކުރެއްވި އެވެ. ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ފަސޭހަ ފިޔަވަޅުތަކެއް ނޫން ކަމަށާއި، ނަމަވެސް މި މަސައްކަތުގައި ސަރުކާރަށް އެއްބާރުލުން ދިނުމަކީ ހުރިހާ ރައްޔިތުންގެވެސް ޒިންމާއެއް ކަމުގައިވެސް ރައީސް ވަހީދު ވިދާޅުވި އެވެ.