ރޯދަ މަސް

ރޯދައަށް ކާޑު ހޯދަން ރަޖިސްޓްރީވާން ހުޅުވާލަނީ

ކުރިއަށް ރޯދަ މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ނިންމާފައިވާތީ މާލޭ ސަަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ތަކެތި ބޭނުންވާ ގޭބިސީތަކުން އަންނަ ހަފްތާ ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ނިންމައިފި އެވެ.

މިކަމާ ގުޅޭ އިއުލާން މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރުމަށްފަހު މިހާރު ވަނީ އެ އިއުލާން ބާތިލްކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އިއުލާން ބާތިލްކުރީ ރަޖިސްޓްރީވުމަށް ހާއްސަ ޕޯޓަލެއް ހަދަމުންދާތީ ކަމަށެވެ. އަދި އަންނަ ހަފްތާގައި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުޅުވާލެވޭނެ ކަމަށްވެސް ބުންޏެވެ.

ކުރިއަށް ރޯދަ މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ނިންމާ ސަރުކާރުން އެކަން އިއުލާން ކުރީ މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ދުވަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރޯދަ މަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި ފުށްބަސްތާއެއް ލިބޭނެ ކަމަށެވެ.

"އޭގެ އިތުރު ކަންތައްތައްވެސް ވާނެ. އަދި މި އަންނަ އަހަރު އެ އަށްވުރެ އިތުރުވެސް ކުރާނަން. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސްގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް އެ ދުވަހު އިތުރަށް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެންމެ ގައުމަކުން ގެންނަ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް ކާޑުގެ ބާވަތްތައް ރާއްޖެއަށް ގެނައުމަށްޓަކައި ތުރުކީއާ އެކުގައިވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.