ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރާއްޖެ-ޗައިނާގެ ދެމެދުގައި އޮތީ އިހްތިރާމާއި އިތުބާރުގެ ގުޅުމެއް: ރައީސް

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އިހްތިރާމާއި އިތުބާރުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދ މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޗައިނާގެ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި، ޕްރިމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެންބާ އޮފް ދަ ސްޓޭންޑިން ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ ލީ ޗިއާންއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފޮނުއްވި މެސެޖުގައި ޗައިނާގެ ރައީސާއި، ޗައިނާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.

ޗައިނާއާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހްމަތްތެރިކަމުގެ ގުޅުމަށް ބައްލަވާލައްވައި މި ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އިހްތިރާމާއި އިތުބާރުގެ މައްޗަށް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ދެ ގައުމުން އެކުގައި މަސައްކަތްކޮށްގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވި އެވެ.

ލީ ޗިއާންއަށް ރައީސް ފޮނުއްވި މެސެޖުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ޗައިނާއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފައިވެ އެވެ. ދިވެހި ސަރުކާރުގެ މުހިއްމު ބޮޑެތި މަޝްރޫއުތަކުގައި މާލީ ގޮތުންނާއި ފަންނީ ގޮތުން ޗައިނާގެ ކުންފުނިތައް ބައިވެރިވުންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޗައިނާއާއި ރާއްޖޭގެ ގުޅުން ބަދަހިވުމާ އެކު ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ވަނީ ބުރޫއަރާފަ އެވެ.