އިލްހާމް އަހުމަދު

‎އިލްހާމް އެމްޑީޕީ ޓިކެޓުގައި ފުނަދޫ ދާއިރާއަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާއަށް ކުރިމަތިލެއްވުމަށް ކުރީގެ މެންބަރު އިލްހާމް އަހްމަދު ނިންމަވައިފި އެވެ.

އިލްހާމް މިއަހަރު އިންތިހާބުގައި ވާދަކުރައްވަނީ އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ސެޕްޓެމްބަރު 21, 2023 ގައެވެ.

އިލްހާމް މީގެކުރިން ވަނީ ޑީއާރްޕީގެ ޓިކެޓްގައި އޭނާގެ އުފަން ދާއިރާ -- ގެމަނަފުށި ދާއިރާއަށް އިންތިހާބުވެ އެ ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ. އަދި އޭގެފަހުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ދަނގެތި ދާއިރާއަށް ކުރިމަތިލައްވާ އެ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އެވެ.

ފުނަދޫ ދާއިރާގެ މިހާރުގެ މެންބަރަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މުހައްމަދު ޝާހިދު އެވެ. އަވަސްއަށް އެނގިފައިވާ ގޮތުގައި ޝާހިދުވެސް އިލްހާމަށް ތާއީދުކުރެއްވުމަށް ނިންމަވާފަ އެވެ.

‎އިލްހާމަކީ ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޑީއާރްޕީ އާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވި އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަމާއި މަޖިލީހުގެ އެންމެ މުހިއްމު އެއް ކޮމިޓީ ކަމަށްވާ އިގުތިސާދީ ކޮމިޓީގެ މުގައްރިރުކަންވެސް ކުރެއްވި އެވެ.

‎އިލްހާމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމާއި, އެމަނިކުފާނުގެ ސްޕެޝަލް އެންވޯއީކަން ވެސް ކުރައްވާފަ އެވެ.

‎ސިޔާސީ ދާއިރާގެ އިތުރުން އިލްހާމް ވަނީ ޓެލެވިޒަން މޯލްޑިވްސްގައިވެސް ގިނަ އަހަރުތަކަކު މަސައްކަތްކުރައްވާފަ އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ އެފްއޭއެމްގެ ރައީސްކަން ކުރެއްވި އެވެ.