އިޒުރޭލަށް އޮތް ދިފާއުވުމުގެ ހައްގަކީ ޣައްޒާ ރައްޔިތުން ރަށުން ބޭރުކުރުން ނޫން ކަމަށް ޖަރުމަނުގެ ހާރިޖީ ވަޒީރު އަނަލޭނާ ބެއާބޮކް ވިދާޅުވެއްޖެ އެވެ.
އެހެން ހުރިހާ ގައުމުތައް ފަދައިން ޓެރަރިޒަމުން ރައްކާތެރިވެ ސަލާމަތްވުމަށްޓަކައި އިޒުރޭލަށްވެސް ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ބެއާބޮކް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އޭގެ މާނައަކީ ޣައްޒާ ރައްޔިތުން ރަށުން ބޭރުކޮށް ރަފާހްއަށް އަރައިގަނެ އާންމުން ފައްސާލުން ނޫން ކަމަށެވެ.
ޣައްޒާ މިހާރު އޮތް ހާލަތުގައި ރަފާހްގެ އާންމު ރައްޔިތުން ރައްކާތެރިކުރުމަކީ އިޒުރޭލަށް އޮތް ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާއިން މީހުން ބޭރުކޮށް އަދި ރަފާހް ހުސްކުރުމަކީ އިޒުރޭލުން ދުރާލައި ރާވައިގެން ހިންގާ އޮޕަރޭޝަނެއް ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.
ރަފާހް ހިމެނޭ ގޮތުން މުޅި ޣައްޒާއިން މީހުން ހުސްކޮށް ވަނުން މަނާ ސަރަހައްދެއް ކަނޑައެޅުމަށް އިޒުރޭލުގެ ސިޔާސީ ލީޑަރުން ވެސް ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން ރަފާހްއަށް ވަނުމާ އެކު މިހާރު އެ މީހުންނަށް ޖެހިފައި އޮތީ ރަފާހް ދޫކޮށް ދިއުމަށެވެ. އެ މީހުން ދެން އޮތް ހަމައެކަނި އިޚުތިޔާރަކީ މިސްރު ބޯޑަރަށް ޖަމާވުމެވެ. އަދި ވަގަށް ނަމަވެސް މިސްރަށް ވަނުމެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ޖަރުމަނު ގަބޫލުކުރާ ކަމަށްވެސް ބެއާބޮކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަލަސްތީން މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ދެ ދައުލަތް -- ފަލަސްތީނަށް ދައުލަތެއް އަދި އިޒުރޭލަށް ދައުލަތެއް އޮތުން ކަމަށެވެ.
ޖަރުނުމަނުގެ ހާރިޖީ ވަޒީރު މިހެން ވިދާޅުވިއިރު އަންނަ ހަފުތާގައި އޭނާ އިޒުރޭލަށް ވަޑައިގަންނަވާނެ އެވެ. އެއީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށްޓަކައި ހަނގުރާމަ ހުއްޓާލުމަށް ޔަހޫދީންނަށް ބާރުއެޅުއްވުމަށް ކަމަށް ޚަބަރުތައް ބުނެ އެވެ.
ނަމަވެސް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުންނެވީ ހަމަލާތައް ހުއްޓާލާ ގޮތަކަށް ނޫނެވެ. ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް މުޅިން ނައްތާލެވެންދެން ހަމަލާތައް ކުރިއަށް ގެންދިއުމަކީ އޭނާގެ ވައުދެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުން ޣައްޒާއަށް މިހާ ވަރަށް ހަމަލާދިނުމުގެ ފަހަތުގައި ވަނީ އެހެން ބޭނުމެކެވެ. އެއީ ޔަހޫދީންގެ ބޭނުންތަކަށް ފަލަސްތީންގެ ބިންތައް ހުސްކުރުން ކަމަށް އަންދާޒާ ރިޕޯޓްތައް ބުނެ އެވެ.