ދުނިޔެ

ވެނެޒުއޭލާގައި ހުރި އދގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީސް ބަންދުކޮށްފި

ވެނެޒުއެލާގެ ވެރިރަށް ކަރާކަސްގައި ހުންނަ އދގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ހަރަކާތައް ހުއްޓާލައި އޮފިޝަލުން އެ ގައުމުން ބޭރުވުމަށް ވެނެޒުއެލާގެ ހާރިޖީ ވުޒާރާ އިން 72 ގަޑިއިރު ދީފި އެވެ.

ހާރިޖީ ވަޒީރު އީވާން ގިލް ވިދާޅުވި ގޮތުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ވުރެ އދގެ ސަފީރަށް މުހިއްމީ ވެނެޒުއެލާގެ ސަރުކާރު ވައްޓާލުމެވެ. އަދި ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް ބަޣާވާތްކުރާ ބަޔަކު އުފެއްދުމަކީ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ކުރަންޖެހޭ މަސައްކަތަކަށް ހަދާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ވެނެޒުއެލާގެ ހާރިޖީ ވުޒާރާ އިން އެކްސްގައި ބުނެފައިވާ ގޮތުން އދގެ އިދާރާއަކާ މެދު މިފަދަ ގޮތަކަށް ފިޔަވަޅު އަޅަން ޖެހުނީ -- އދ އިން އެ އިދާރާއާ ހަވާކޮށްފައި ހުރި މަސައްކަތްތައް ހުއްޓާލައި، އެ މީހުންގެ އަމިއްލަ އެޖެންޑާއަކަށް އޮފީސް ހިންގަން ތަން ނުދިނުމުގެ ގޮތުންނެވެ.

އދގެ ހައިކޮމިޝަނަރުގެ އޮފީހަކީ ބައިނަލްއަގްވާމީ ވާޖިބުތަކެއް އުފުލުން ލާޒިމު ބަޔަކަށްވާއިރު އެ އިދާރާ އަށް ހުރި މަސްއޫލިއްތުތައް ހަނދާން ނައްތާލާފައިވާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އދގެ އޮފިޝަލުން އިސްވެ ވެނެޒުއެލާގައި ބަޣާވާތެއް ރާވާކަމުގެ ތުހުމަތަށް އދގެ ވަކީލެއް ކަމަށްވާ ރޯޝިއޯ ސަން މިގަލް ހުރީ އެ ގައުމުގައި ހައްޔަރުކޮށްފަ އެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ވަކީލު ހައްޔަރު ކުރަން ޖެހުނީ -- ވެނެޒުއެލާ ސަރުކާރުން ބުނާ ގޮތުން އެ ގައުމުގައި ބަޣާވާތްކުރަން އުޅުމުގެ ކުށުގަ އެވެ.

އޭނާ އަކީ ވަކީލެއް ކަމަށް އދ އިން ބުންޏަސް އެއީ ސިޔާސީ އަދި އަސްކަރީ ހަރަކާތްތެރިއެއް ކަމަށް ވެނެޒުއެލާ ސަރުކާރުން ބުނެ އެވެ.

ރޯޝިއޯ ސަން މިގަލް ހައްޔަރުކުރީ ވެނެޒުއެލާ ދޫކޮށް އޭނާގެ އާއިލާއާ އެކު ފުރަން އުޅެނިކޮށް ކަމަށް ވެނެޒުއެލާގެ އެޓާނީ ޖެނެރަލް ޓަރެކް ވިލިއަން ސާބް ވިދާޅުވި އެވެ.

އޭނާގެ މައްޗަށް ހީލަތްތެރިވުމާއި ބަޔަކާ ގުޅިގެން ނިކޮލަސް މަދޫރޯގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރުން އަދި ޓެރަރިޒަމަށް ތާއީދުކޮށް ހަރަކާތްތެރިވުމުގެ ކުށުގައި ޝަރީއަތް ކުރެވޭނެ ކަަމަށްވެސް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

ވެނެޒުއެލާގެ މި ނިންމުމަށް އދ އިން ވަނީ ހިތާމަކުރާ ކަމަށް ބުނެފަ އެވެ. އަދި ޒިންމާދާރު ކަމެއް ނެތި އދ ބަދުނާމުވާ ގޮތަށް ބައިނަލްއަގުވާމީ މީޑިއާތަކަށް ހަބަރު ނުދިނުމަށްވެސް ވަނީ އެދިފަ އެވެ.

ވެނެޒުއެލާ ސަރުކާރުން ބުނާ ގޮތުން އދގެ ސަފީރުން ކުރައްވާ ސައްހަ އެއްވެސް މަސައްކަތެއް އެ ގައުމުން ނުހުންޓުވާނެ އެވެ. އަދި އދ އަށް އެ ފުރުސަތު އަދިވެސް އޮތް ކަމަށްވެސް ސަރުކާރުން ބުންޏެވެ.