ދުނިޔެ

ޔޫކްރޭން ހަނގުރާމައިގެ ޒިންމާ އުފުލަންޖެހޭނީ ހުޅަނގުން: މަދޫރޯ

ޔުކްރޭނަށް މިހާރު ދިމާވެފައި އޮތް ހިތާމަވެރި ހާލަތަށް ޒިންމާވާން ޖެހޭނީ ހުޅަނގުގެ އިއްތިހާދޭ ކިޔާ ބައިގަނޑު ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.

މަދޫރޯ ވިދާޅުވި ގޮތުގައި ރަޝިއާއަށް ދަތިކުރަން ހުޅަނގުގެ އިއްތިހާދުން ރޭވި އެއްވެސް ރޭވުމެއް ހަގީގަތަކަށް ނުވި ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ފާއިތުވި 20 އަހަރު ރަޝިއާއަށް ހޯދިފައި ނުވާ ކާމިޔާބު -- ހުޅަނގުގެ ދަތިކުރުމުގެ ސަބަބުން ހޯދައިފި ކަމަށެވެ.

ރަޝިއާގެ އިގުތިސާދުވެސް ހުޅަނގުން ހީކުރި ގޮތަށް އަޑިނޭޅި ކަމަށް މަދޫރޯ ވިދާޅުވި އެވެ. އެ ގައުމުގެ އިގުތިސާދު ހީނަރުވުމުގެ ބަދަލުގައި ފެންނަނީ އާކުރިތަކާ އެކު ބަބުޅާ ތަން ކަމަށްވެސް ވިދާޅުވި އެވެ.

މަދޫރޯ ވިދާޅުވީ ރަޝިއާގެ މައްޗަށް ޔުކްރޭން ލައްވައި ކާމިޔާބު ހޯދުމަށްވެސް ހުޅަނގު ނުކުޅެދިއްޖެ ކަމަށެވެ. ހުޅަނގަށް ދެން އޮތީ ބޮނޑިއެއް ލިބުމުގެ ކުރިން ސުލްހައިގެ މަޝްވަރާތައް ފެށުން ކަމަށްވެސް ވިދާޅުވި އެވެ.

މަދޫރޯ ވިދާޅުވީ ސޯވިއެޓް ޔޫނިއަން ރޫޅާލުމަށްފަހު ނޭޓޯގެ ވިސްނުމަކަށް ވެފައި އޮތީ ރަޝިއާއަށް ބޭވަފާތެރިވުން ކަމަށާއި ހުޅަނގަކީ ދުވަހަކުވެސް ވައުދަށް ކަމޭހިތާ ބައިގަނޑެއް ނޫން ކަމަށެވެ. ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި މަދޫރޯ ވިދާޅުވީ އެއީ ދުނިޔެއަށް ލޯހުޅުވޭ ލީޑަރެއް ކަމަށެވެ.

ޕޫޓިންގެ ޒައާމަތުގައި ހުޅަނގަށް އޮތީ ސިޔާސަތު ދަސްކުރުން ކަމަށާއި އެ ނޫން ގޮތެއްގައި ބައިބައިވުން ނޫން ގޮތެއް ހުޅަނގަށް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނޭޓޯއިން ރަޝިއާއަށް އަސްކަރީ ހަމަލާއެއް ދީފިނަމަ އެ މަންޒަރުގެ ތެރެއަށް ރަޝިއާގެ އަވަށްޓެރި ބެލަރޫސް ވަންނާނެ ކަމަށްވެސް މަދޫރޯ ވިދާޅުވި އެވެ.

ވެނެޒުއެލާގައިވެސް ނިއުކްލިއާ ހަތިޔާރު ހުރި ކަމަށް ވިދާޅުވެ މަދޫރޯ ވިދާޅުވީ ރަޝިއާ ބަލިކުރަން ބަޔަކު ރާވާކަން އެނގި ހުރެ ބަލަން ނޯންނާނެ ކަމަށެވެ.