ވެނެޒުއެލާގެ އިދިކޮޅު ލީޑަރު އެޑްމަންޑޯ ގޮންޒާލޭޒް ގައުމު ދޫކުރައްވައި ސްޕޭނަށް ވަޑައިގެން ސިޔާސީ ހިމާޔަތް ހޯއްދަވައިފި އެވެ.
ސްޕޭނުން ސިޔާސީ ހިމާޔަތް ހޯއްދެވުމުގެ ކުރިން ވެނެޒުއެލާގައި ހުންނަ ސްޕޭން އެމްބަސީގައި ގޮންޒާލޭޒް ދުވަސްތަކެއް ހޭދަކުރެއްވި އެވެ.
ގޮންޒާލޭޒް، ސްޕޭނުން ހިމާޔަތް މި ހޯއްދެވީ ޖުލައި 28 ގައި ވެނެޒުއެލާގައި އޮތް ރިޔާސީ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސްއާ ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.
އެކަމަކު ވެނެޒުއެލާގެ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ހޯއްދެވީ މިހާރުގެ ރައީސް ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. ނަމަވެސް ގޮންޒާލޭޒް އާއި އޭނާއަށް ތާއީދުކުރާ އެކަކުވެސް ސަރުކާރުން އިއުލާންކުރި ގޮތަށް ވޯޓުގެ ނަތީޖާ ގަބޫލެއް ނުކުރެ އެވެ.
އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އަދި ލެޓިން އެމެރިކާގެ ވަރަށް ގިނަ ގައުމުތަކުން މި އިންތިހާބު ނަތީޖާ ގަބޫލެއް ނުކުރެ އެވެ. މި ގައުމުތައް ބުނާ ގޮތުން އިންތިހާބާ ބެހޭ ގޮތުން މަދޫރޯގެ ސަރުކާރުން ހަދަނީ ދޮގެވެ.
މަދޫރޯ ވިދާޅުވި ގޮތުގައި ހުޅަނގުން ބޭނުންވަނީ އޭނާ ވެރިކަމުން ދުރުކުރާށެވެ. ގޮންޒާލޭޒްއަށް ބުއްދިލައިދީގެން ހުރިހާ ނުބައެއް ހަދަނީ ހުޅަނގުން ކަމަށް މަދޫރޯ ތުހުމަތުކުރައްވަ އެވެ.
މި އިންތިހާބުގެ ނަތީޖާ ކަރުދާސްތައައް އިލެކްޝަން ކޮމިޝަނުން އަދިވެސް އާންމެއް ނުކުރެ އެވެ. މިހެން ކަން ހިނގައި ދިއުމުން -- ވޯޓުގެ ނަތީޖާއާ މެދު ނުބައި ގޮތަކަށް ވިސްނުމަށް ފުރުސަތު ފަހިވީ އެވެ.
ވެނެޒުއެލާ ދޫކުރައްވައި ގޮންޒަލޭޒް ސްޕޭނަށް މި ވަޑައިގަތީ އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައި ވަނިކޮށެވެ. ސްޕޭން އެމްބަސީއަށް އޭނާ ވަދެވަޑައިގަތީ ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި ވަނިކޮށެވެ.
ގޮންޒާލޭޒް ހައްޔަރުކުރަން ކޯޓު އަމުރެއް ނެރުނީ ހުޅަނގާ ގުޅިގެން ވެނެޒުއެލާގައި ބަޣާވާތެއް ކޮށްފާނެ ކަމަށް ބެލެވެން ފެށުމުންނެވެ. އޭނާއަށް ތާއީދުކުރާ މީހުން ވަނީ "ގައުމު ސާފުކުރުމަށް" ސިފައިންނާ ފުލުހުންގެ ކިބައިން އެދިފަ އެވެ.
މިއީ މަދޫރޯ ވެރިކަމުން ދުރުކޮށް އަސްކަރީ ބަޣާވާތަކަށް ގޮވާލުން ކަމަށް މަދޫރޯ ސަރުކާރުން ދެކެ އެވެ.