ހަބަރު

ކޯޓު އަމުރާ ޚިލާފަށް އެއްވެސް މީހަކު ބަންދުކޮށްގެނެއް ނުގެންގުޅެން: ކަރެކްޝަނަލް ސާވިސް

Jan 27, 2015

ކޯޓު އަމުރާ ޚިލާފަށް މީހަކު ބަންދުކޮށްގެން ގެންގުޅުން ކަމަށް ބުނެ ބައެއް މީޑިއާތަކުގައި އާންމުކުރި ހަބަރު ކަރެކްޝަނަލް ސާވިސުން މިއަދު ދޮގުކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި އޮތް މީހަކު ބަލި ހާލަތު ހުރިގޮތުން ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރު ނެރުމުން ވެސް އޭނާ ދޫކޮށްނުލި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ހަބަރު އާންމުކޮށްފައިވާތީ އެކަން ދޮގުކޮށް އެ ސާވިސުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކޯޓު އަމުރާ ޚިލާފަށް އެ އިދާރާއިން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

އެގޮތުން އެ ހަބަރުގައި ހަވާލާދީފައިވާ ފަރާތް ދޫކޮށްލަން ކޯޓުން އަމުރު ނެރުނުތާ އެއް ގަޑިއިރުގެ ތެރޭގައި އެ މީހާ ދޫކޮށްލާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ހަބަރު ޝާއިއު ކުރިއިރު ވެސް އެ މީހާ ދޫކޮށްލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ސާވިސުން މީހަކު ބަންދުކުރަނީ ވެސް އަދި ބަންދުން ދޫކޮށްލަނީ ވެސް ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެ ހަބަރު ޝާއިއު ކުރުމުގެ ކުރިން އެ އިދާރާގެ ބަހެއް ހޯދަން މަސައްކަތް ކޮށްފައިވާ ކަން އެނގެން ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެފަދަ ހަބަރުތައް ޝާއިއު ނުކުރުމަށް އެ އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.