މިނިސްޓްރީ އޮފް ހެލްތު

ނަފްސާނީ އެހީތެރިކަން ދިނުމަށް ގައުމީ ހެލްޕްލައިނެއް

ނަފްސާނީ އިޖްތިމާއީ އެހީތެރިކަމުގެ ހެލްޕްލައިން މިއަދު އިފްތިތާހްކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްޕްލައިން އިފްތިތާހްކޮށްދެއްވީ މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަން އަބްދުﷲ ރާފިއު އެވެ.

ނަފްސާނީ އިޖުތިމާއީ އެހީތެރިކަމުގައި ގުޅާނެ ހާއްސަ ހެލްޕްލައިން ނަންބަރަކީ 1677 އެވެ. މިއީ 24 ގަޑިއިރު ހިދުމަތް ލިބޭގޮތަށް އިފްތިތާހްކުރެވުނު ނަމްބަރެކެވެ.

ހެލްޕްލައިންގެ މަގުސަދަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހިތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިލަމުންދާ މީހުންނަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުން އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޯށްދީ ނަފްސާނީ ގޮތުން އުނދަގޫ ހާލަތްތަކާއި އިހްސާސްތައް ކުރިމަތިވާ ދަނޑިވަޅެއްގައި އެފަދަ މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދީ ވާހަކަތައް ހިއްސާކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުންވެސް ހިމެނެ އެވެ.

މި ހެލްޕްލައިނުން ނަފްސާނީ ފުރަތަމަ އެހީތެރިކަން ހުރިހާ އުމުރަކަށްވެސް ފޯރުކޯށްދޭނެ އެވެ. ނަފްސާނީ ފުރަތަމަ އެހީގެ އިތުރުން އެފަދަ މައްސަލަ ހައްލުކުރުމުގައި އެހީތެރިވުމާއި، މައުލޫމާތު ފޯރުކޮށްދިނުމާއި، ގުޅުންހުރި ހިދުމަތްތަކަށް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ރެފަރަލްވެސް ހަދައިދޭނެ އެވެ.

ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިނެއް އިފްތިތާހްކުރުމަކީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ވައުދެކެވެ.