ހަބަރު

ބްރިޖް ޓީމާ ދިމާކޮށްލި ރާޅާ އެޅުންތެރިން ފައްސާލައިފި

ބްރިޖްގެ މަސައްކަތްކުރުމަށް ގެނައި އުޅަނދު ކައިރިއަށް ގޮސް އަޑުއުފުލި ރާޅާ އެޅުންތެރިން ފަހަތަށް ޖައްސައިފި އެވެ. ރާޅާ އެޅުންތެރިން މޫދަށް އެރި އަޑުއުފުލާފައިވަނީ ބްރިޖްގެ މަސައްކަތްކުރުމަށް އުޅަނދު ރާޅުގަނޑު ސަރަހައްދަށް ގެނައުމުންނެވެ. އެ އުޅަނދަކީ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ގެނައި އުޅަނދެކެވެ.

ފަނަރަ ވަރަކަށް ރާޅާ އެޅުންތެރިން ބްރިޖްގެ މަސައްކަތް ކުރުމަށް ސާމާނާއެކު ރާޅުގަނޑަށް ގެނައި އުޅަނދު ކައިރިއަށް ފަތާފައި ގޮސް ވަނީ އަޑު އުފުލާފަ އެވެ. ރާޅާ އެޅުންތެރިން ދަނީ ބްރިޖް އެޅުމުން ރާޅުގަނޑު ނެތިގެންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ބްރިޖްގެ މަސައްކަތްތައް ޓަގެއްގެ އެހީގައި މިއަދު ހަވީރު ރާޅުގަނޑަށް ގެނައި އުޅަނދު ކައިރިއަށް ރާޅާ އެޅުންތެރިން ދިޔުމުން އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ. އުޅަނދު ކައިރިއަށް ރާޅާ އެޅުންތެރިން ދިޔުމުން ފުލުހުންނާއި ސިފައިން ވަނީ އެމީހުންނަށް ނަސޭހަތްދީ، ފަހަތަށް ޖައްސާފަ އެވެ. އަޑު އުފުލި އެއްވެސް މީހަކު ހައްޔަރެއް ކޮށްފައެއް ނުވެ އެވެ.

ރާޅާ އެޅުންތެރިން ފަހަތަށް ޖެއްސާލުމުން އެއްގަމަށް އަރައި، ބުނީ، ފުލުހުން ވާހަކަ ދެއްކީ ވަރަށް ހަޑިކޮށް ކަމަށާއި އެ ސަރަހައްދުން ދިޔުމަށް އިންޒާރު ދިން ކަމަށެވެ.

ރާޅާ އެޅުންތެރިން މިއަދު މޫދުގައި އަޑު އުފުލާފައިވާއިރު މިއަދާއި އިއްޔެ ވެސް ރާޅާ އެޅުންތެރިން ވަނީ ރާޅުގަނޑުގައި އަޑު އުފުލައި ބްރިޖް އެޅުމުގެ ސަބަބުން ރާޅުގަނޑު ގެއްލިގެންދާ ކަމަށް ބުނެ މުޒާހަރާ ކޮށްފަ އެވެ.