ޑރ. މުހައްމަދު މުއިއްޒު

އެއްފަހަރާ 50 ކައުންސިލް އިދާރާ އިމާރާތްކުރަނީ

މިއަހަރުގެ ތެރޭގައި 50 ރަށެއްގެ ރަށު ކައުންސިލް އޮފީސް ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހދ. މަކުނުދޫގެ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވާ ދެއްްކެވި ވާހަކަފުޅުގައި މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ހުރިހާ ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރަ ކޮމިޓީތަކަށް ފޮނުއްވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގެ ކައުންސިލް އިދާރާތައް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް އެޅުމަށް ހަމަޖެހިފައިވާއިރު މިމަސައްކަތް ކުރިއަށް ގެންދާނީ އިންވެސްޓާ ފައިނޭންސް މޮޑެލްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 50 ރަށް ހިޔާރުކުރާއިރު އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ އަދި އެންމެ ގިނަ ދުވަސްވީ ރަށްތަކަށް އިސްކަން ދެއްވާނެ ކަމަށެވެ. މިއަހަރު ތެރޭގައި މި މަޝްރޫއު ފައްޓަވައިދެއްވާނީ 50 ރަށުގައި އެއްފަހަރާ ކަމުގައިވެސް ވިދާޅުވި އެވެ.

"ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމުގެ ފުރުސަތު ދޭން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުންނާ ގާތުން ހިދުމަތްކުރުމަކީ އަޅުގަނޑު ހަމަ ބޭނުންވާ ގޮތް،" ރައީސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަކުނުދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ ރަންވޭ 1،800 މީޓަރަށް ބޮޑުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މަކުނުދޫ ބިން ހިއްކުމުގެ މަޝްރޫއު މުޅި ރަށަށް ތަރައްގީ ލިބިގެންދާ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށާއި، މަކުނުދޫގެ މަގު ހެދުމަކީ ރަށުގެ ތަރައްގީއަށް މުހިއްމު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަން އަޅުގަނޑު ވައުދުވީ ގޮތަށް ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ހއ. އާއި ހދ. އަދި ށ. އާއި ނ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.