ރިޕޯޓް

ބްރިޖް އަޅާނީތަ؟ ރާޅާ އަޅާނީތަ؟

މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް މިހާރު މިވަނީ ފަށާފަ އެވެ. ބްރިޖް ދެކޮޅު އޮންނާނެ ހިސާބު މިހާރު އެންމެންނަށް ވެސް އެނގެ އެވެ. ބްރިޖް އޮންނާނީ ސުނާމީ ބިނާ ހުރި ދިމާލުން ގޮސް ހުޅުލޭ ރަންވޭގެ ދެކުނު ކޮޅަށެވެ. މިކަން މިވަނީ ބައެއްގެ ނިދި ގެއްލުވާލާފަ އެވެ. ރާޅާ އެޅުންތެރިންގެ އެވެ. ގައުމަށް އެތައް ރަން މެޑަލެއް ގެނެސްދޭ މި ރާޅާ އެޅުންތެރިންގެ ހިތްތައް މިވަނީ ބްރިޖް މަޝްރޫއުގެ ސަބަބުން ނުތަނަވަސްވެފަ އެވެ.

ބްރިޖް އެޅުމުގެ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، ބްރިޖް އެޅުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފައިވާއިރު ބްރިޖްގެ މަސައްކަތް ކުރިއަށްދާތަން ފެނުމުން އާންމު ރައްޔިތުންނަށް ލިބެނީ އަދާޔާ ހިލާފު އުފާވެރިކަމެކެވެ. ބްރިޖްގެ ކުރެހުން ފެނުމުން އެ ބްރިޖްގައި ދުއްވާލައި ހިނގާލަން ދާން ބޭނުންވެފައި ތިބި މީހުން ވެސް މަދެއް ނޫނެވެ.

ބްރިޖް އެޅުމުގެ މަސައްކަތުގައި ޗައިނާގެ މީހުން އުފަލުގައި ހަރަކާތްތެރިވާއިރު މިހާރު ރާޅުގަނޑުން އެހެން މަންޒަރެއް ވެސް ދަނީ ފެންނަމުންނެވެ. ދިވެހިންގެ އުއްމީދީ ބްރިޖާ ދެކޮޅަށް ރާޅާ އެޅުންތެރިން އަޑު އުފުލަމުންދާ ތަނެވެ. ބޭނުންވަނީ ރާޅު ކަމަށާއި ބްރިޖް ބޭނުމެއް ނޫން ކަމަށް މި ޒުވާނުން ދަނީ ބުންމުންނެވެ.

ރާއްޖޭގައި ރާޅާ އަޅާ މީހުންގެ ތެރެއިން ގާތްގަނޑަކަށް އެންމެންހެން ބޭނުންކުރާ ތަނަކީ ވަރުނުލާ ރާޅުގަނޑެވެ. ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި އެތަނުގައި މުބާރާތްތައް ވެސް ބާއްވަ އެވެ. މިހާރު އެތަނަށް ރާޅާ އަޅަންދާ ބައެއް މީހުންނަކީ ރާޅުގަނޑުގެ ތެރޭގައި ބޮޑެތިވި މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެހެންވެ ކޮންމެ ދުވަހަކު އެ ރާޅުގަނޑުން ފެންވަރަމުން ބޮޑެތިވެފައި ތިބި ރާޅާއެޅުންތެރިންނަށް ބްރިޖް މަޝްރޫއު ވެފައި ވަނީ ބިރުވެރި ހުވަފެނަކަށެވެ.

އެ ޒުވާނުންގެ ހިތްތަކުގެ ޝުއޫރުތައް ތަފާތު ގޮތްގޮތަށް ދައްކާލަމުންދާއިރު، މި ޒުވާނުން ކޮޅަށްޓަކައި އެތައް ދިވެހި ރައްޔިތުންގެ އުއްމީދީ މަޝްރޫއު ހުއްޓާލަންވީބާވަ އެވެ. އުފެދޭ ސުވާލަކީ އަޅަންވީ ބްރިޖް ނުވަތަ ރާޅު ބާވަ އެވެ.

މި ސުވާލަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ޖަވާބު ދެއްވާފަ އެވެ. މުއިއްޒު ވިދާޅުވީ، ސިޔާސީ ވިސްނުމެއްގައި ގައުމީ މަޝްރޫއުތަކަށް ހުރަސް އެޅުމަށް ކުރާ ކަންތައްތައް ހުއްޓާލުމަށްޖެހޭ ކަމަށެވެ. އަދި އެންމެން ވެސް ފުރަތަމަ ގައުމު އިސްކުރުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ރާޅާ އެޅުންތެރިން އަޑުއުފުލައި މުޒާހަރާ ކުރަމުން މިދަނީ ބްރިޖްގެ މަސައްކަތްތައް ސުނާމީ ބިނާ ހުރި ސަރައްދަށް ފަސް އެޅުމާ ގުޅިގެން ރާޅުގަނޑު ކިލަނބުވެފައިވާތީ އެވެ. އަދި އެ ސަރަހައްދުން މިހާރު ކުރިން ނަގާ ގޮތަށް ރާޅު ނުނަގާ ކަމަށް ވެސް ރާޅާ އެޅުންތެރިން ބުނެ އެވެ.

ރާޅާ އެޅުންތެރިން މިކަން ފާހަގަކޮށް މުޒާހަރާ ކުރަމުންދާއިރު މިއީ މީގެ ކުރިން ވެސް މުއިއްޒު ޖަވާބު ދެއްވާފައިވާ މައްސަލައެކެވެ. މުއިއްޒު ވިދާޅުވެފައިވަނީ، ބްރިޖް މަޝްރޫއުގެ ވަކި ހިސާބަކުން ރާޅުގަނޑު ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ރާޅާ އެޅުންތެރިންނަށް މަޝްރޫއު ނިމެންދެން، މާލެއާ ދުރު ނޫން އެހެން ސަރަހައްދަކުން ރާޅާ އެޅޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކޮންމެއަކަސް ރާޅާ އެޅުންތެރިންނަކީ ވެސް ރާއްޖެއަށް މުހިންމު ބައެކެވެ. އެއީ ބޭރު ގައުމުތަކުގައި ރާއްޖޭގެ ނަން ރަން އަކުރުން ލިޔެދޭ ބަޔެކެވެ. ހަމައެގޮތަށް ރާއްޖޭގެ ތަރައްގީ ރަން އަކުރުން ލިޔެވެން އޮތީ ބްރިޖް ވެސް އެޅިގެންނެވެ. ބްރިޖްގެ ސަބަބުން ރާޅާ އެޅުންތެރިންނަށް ވެސް އުފާވެރިކަން ލިބިގެންދާނެކަން ކަށަވަރެވެ. އަދި އެތައް ބަޔަކަށް އޭގެ ފަސޭހަ ވެސް ލިބިގެންދާނެކަން ކަށަވަރެވެ.

ސަރުކާރުން، ރާޅާ އެޅުންތެރިންނަށް ބަދަލު ހޯދައިދޭނެ ކަމަށް ބުނެފައިވާއިރު ރާއްޖޭގެ ތަރައްގީގެ މި ބިޔަ މަޝްރޫއުއަށް ހުރަސް އެޅުމަށް ރާޅާ އެޅުންތެރިން އިހުތިޖާޖު ކުރުން ހަމަ މުހިންމު ބާވާއޭ މިއީ މިވަގުތު އުފެދޭ އެންމެ ބޮޑު ސުވާލެވެ.

އިއްޔެ ހަވީރު ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ބާޖެއް ރާޅުގަނޑަށް ކައިރި ކުރުމުން ވަރަށް އެހެން ކަހަލަ މަންޒަރެއް ވަނީ ފެނިފަ އެވެ. ދިވެހި ރާޅާ އެޅުންތެރިން ވަނީ އެ ބާޖް ކައިރިއަށް ފަތާފައި ގޮސް އަޑު އުފުލާއި ބްރިޖްގެ މަސައްކަތްތަށް ހުރަސް އަޅާފަ އެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ވަނީ އެމީހުން އެތަނުން ފޮނުވާލާފަ އެވެ.

އަދި އިއްޔެ ރާޅުގަނޑުގައި ހިނގާދިޔަ ކަންތައްތަކުގެ ތެރެއިން ރާއްޖެެއަށް އެތައް ރީތި ރަން ނަމެއް ހޯދައިދީފައިވާ ރާޅާ އެޅުންތެރިއެއް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ އިތުރުން ވެސް އެހެން މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުން އެކަމަށް ހުރަސް އަޅާނަމަ އެއީ ގިނަ ބަޔަކު ހިންހަމަ ޖެހޭނެ ކަމަކަށް ވެގެން ނުދާނެ އެވެ. އަދި މިފަދަ ކަންތައްތަކުގައި، ނުވަތަ މިކަން "ސިޔާސީ" ކޮށްގެން ހުނަރުވެރި ޒުވާނުންތަކެއް ގޮޅިއަށް ދިޔުމަކީ ވެސް ރާއްޖެއަށް ލިބޭނެ ގެއްލުމަކަށް ނޫނީ ނުވާނެ އެވެ.

އަމިއްލަ ފައިދާ ނުވަތަ މަންފާ އެއްކިބާ ކޮށްލާފައި، ގައުމަށް ލާބަޔާއި މަންފާ ހުރި ކަންތައްތަކާ މެދު ވިސްނަންވީ ވަގުތު މިވަނީ ޖެހިފަ އެވެ. ބްރިޖް އަޅާނީ ހެއްޔެވެ؟ ރާޅާ އަޅާނީ ހެއްޔެވެ؟