އެލްޖީއޭ

ގދ. ވާދޫ ކައުންސިލަރުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި

ގދ. ވާދޫ ކައުންސިލް މެންބަރުން ވަގުތީގޮތުން މަގާމުގެ މަސްއޫލިއްޔަތުން އެއްކިބާކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.

އެލްޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވާދޫ ކައުންސިލް މެންބަރުން ވަގުތީގޮތުން މަގާމުގެ މަސްއޫލިއްޔަތުން އެއްކިބާކުރުމުގެ ކުރިން ލާމަރުކަޒީ ގާނޫނުގެ ދަށުން އިންކުއަރީއެއް ހަދާފައިވާ ކަމަށެވެ. އިންކުއަރީ ހެދީ އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މިނިސްޓަރު އާދަމް ޝަރީފް އުމަރު ހުއްދަދެއްވައިގެން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އެލްޖީއޭ އިން ބުނީ އިންކުއަރީ ކުރިއަށް ގެންދިއުމުގައި މައްސަލަ ރައްދުވާ ވާދޫ ކައުންސިލްގެ މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތު ދިން ކަމަށެވެ. އޭގެ އިތުރުން މައްސަލައާ ގުޅޭގޮތުން ކައުންސިލްގެ ހުރިހާ މެމްބަރުންނާއި، ވާދޫ ކައުންސިލްގެ އިދާރާގައި ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މަޢުލޫމާތު ސާފުކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ. އަދި މި މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް ވާދޫ ކައުންސިލުގެ އިދާރާއިން ހޯދި ކަމަށެވެ.

އެލްޖީއޭ އިން ބުނީ އިންކުއަރީން ފާހަގަކުރެވުނު ކަންކަމުގެ ބަޔާނާ މެދު ޖަވާބުދާރީވުމަށްވެސް ރަސްމީ ހަތް ދުވަހުގެ ފުރުސަތެއް ވާދޫ ކައުންސިލުގެ މެންބަރުންނަށް ދެވުނު ކަމަށާއި އެ މުއްދަތުގައި އިންކުއަރީ ރިޕޯޓަށް ޖަވާބުދާރީ ވެފައިވާ ކަމަށެވެ.

ގދ. ވާދޫ ކައުންސިލްގެ އިންކުއަރީން ބަލާފައިވާ މައްސަލަތައް

  • ވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ އިންތިޒާމުތައް ކައުންސިލުން ހަމަޖައްސާފައި ނެތުން
  • ލާމަރުކަޒީ ގާނޫނާއި އިޖުރާއީ ގަވާއިދާއި އެއްގޮތަށް ކައުންސިލްގެ ބައްދަލުވުންތައް ބާއްވާފައިނުވުން
  • ކައުންސިލުގެ ބަޖެޓުން އިންކައިންޑް އަދި ފައިސާގެ ގޮތުގައި މާލިއްޔަތު ގަވާއިދާ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހިލާފަށް ހަރަދުކުރުން
  • J-GOM ފަންޑުގެ ތެރެއިން ބޮޑު އަދަދެއް އަނެއް އަހަރުގެ J-GOM ފަންޑުގެ ތެރެއަށް ކެރީ ފޯވަޑްކޮށްފައިވުން
  • މާލިއްޔަތުގެ ގަވާއިދާއި ހިލާފަށް ކައުންސިލުން ފައިސާ ބަލައިގަތުން
  • ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް ކައުންސިލް އިދަރާގެ މުވައްޒަފުންގެ ހާޒިރީއާއި ރެކޯޑުތައް ބަލަހައްޓާފައި ނެތުން
  • އިޖުރާއީ ގަވާއިދާ އެއްގޮތައް ކައުންސިލް އިދާރީ އޮނިގަނޑު ފާސްކޮށް އޮނިގަނޑާ އެއްގޮތައް މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެވިފައި ނެތުން.
  • ކައުންސިލްގެ އިދާރާގައި އާންމުން ވަނުން މަނާ ތަންތަނަށް އާންމުންނަށް ވަދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އޮތުން.
  • ކައުންސިލްގެ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައި ނުވުމާއި ބައްދަލުވުމަށް އެޖެންޑާކުރުމަށް މެންބަރުން ހުށަހަޅާ މައްސަލަތައް ކައުންސިލްގެ ރައީސް އެޖެންޑާ ނުކުރުން
  • އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކައުންސިލުގެ މަސައްކަތު ތާވަލާއި ބަޖެޓް ފާސްކޮށް ހުށަހަޅާފައި ނެތުން
  • ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުއާ އެއްގޮތަށް ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓާފައިނުވުމާއި، ހާޒިރީއާ ގުޅުންހުރި ސުލޫކީ މައްސަލަތައް.
  • ކައުންސިލު އިދާރާ މުވައްޒަފުންގެ ހާޒިރީއާއި ގުޅުންހުރި މައްސަލަ
  • ކައުންސިލުގެ ރައީސް ކައުންސިލު އިދާރާތެރޭ ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލަ
  • ކައުންސިލު އިދާރާގެ ކަންކަމާ ގުޅޭ މައުލޫމާތުތައް ރަސްމީ ޗެނަލުން ބޭރުން، ކައުންސިލުގެ ރައީސް ރައްޔިތުންނަށް މައުލޫމާތު ލީކްކުރާ މައްސަލަ
  • ކައުންސިލުގެ ރައީސް، ކައުންސިލުގެ މުވައްޒަފުންނަކީ ދަށް ފަންތީގެ ބެއެއްކަމަށްބުނެ މުވައްޒަފުންގެ އަގުވެއްޓޭގޮތަށް މުވައްޒަފުންނާ ގުޅޭގޮތުން ދޮގު ވާހަކަތަކާއި ބޭއަދަބީ މެސެޖުތައް ކައުންސިލު ރަސްމީ ވައިބާ ގްރޫޕަށް ފޮނުވައި ސޯޝަލް މީޑިއާގައި އަދި ހޮޓާ ކެފޭތަކުގައި އެފަދަ ވާހަކަތައް ދައްކަމުންދާ މައްސަލަ
  • ކައުންސިލު މުވައްޒަފުންނަށް އަޑުލައި ކަންކަމަށް މަޖުބޫރު ކުރުމާ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ރުޅި ކައުންސިލު އިދާރީ މުވައްޒަފުންނަށް އަމާޒުކުރަމުންދާ މައްސަލަ
  • ކައުންސިލު ބައްދަލުވުމުން ކަންކަން ނިންމުމުން އެކަންކަން ތަންފީޒުނުވާނެކަމަށް ބުނުމާއި، ބައްދަލުވުމުން ނިންމާ ނިންމުން ތަންފީޒު ނުވާ މައްސަލަ
  • އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ޖަވާބުދާރީ ނުވާ މައްސަލަ.
  • ސެކްރެޓަރީ ޖެނެރަލް މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުމާ، އެކި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި ކުދި ކުދި ކަންކަމުގައި މުވައްޒަފުންނަށް އިންޒާރުދޭ މައްސަލަ.
  • ކައުންސިލު އިދާރާގެ ތެރޭގައި ކައުންސިލަރުން އެކަކު އަނެކަކު ގަޔަށް އަތްލައި މާރާމާރީ ހިންގާ މައްސަލަ
  • ކައުންސިލަރުން ރަސްމީ ވަގުތާއި، ކައުންސިލުގެ އާންމު ބައްދަލުވުންތަކަށް ނުރަސްމީ ހެދުމުގައި ކައުންސިލަރުން ހާޒިރުވާ މައްސަލަ.
  • ކައުންސިލަރުން ބޭއަދަބީ ބަހުރުވައިން ބައްދަލުވުންތަކާއި، މަސައްކަތުގެ މާހައުލުގައި ޒުވާބުކުރާ މައްސަލަ.
  • ކައުންސިރުންގެ ފަރާތުން އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާކުރާކަމުގެ މައްސަލަ.
  • ކައުންސިލަރުން މުވައްޒަފުންގެ މަސައްކަތްތައް ހުރަސްއެޅޭ ގޮތަށް ޢަމަލުތައް ބެހެއްޓުން.
  • ކައުންސިލު އިދާރާގައި ބައިބައިވުން އުފެދި، މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއްނެތުން.
  • ކައުންސިލުގެ ރައިސް ހިންހަމަ ނުޖެހޭ މެންބަރުންގެ ޗުއްޓީ ހިފެހެއްޓުން.
  • ކައުންސިލްގެ ރައީސްގެ ފަރާތުން ރަށުގައި އުޅޭ ބިދޭސީންނަށް ބިރުދައްކާ މައްސަލަ

އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ރިޕޯޓުގައި ލަފާދީފައިވާ ގޮތަށް އަމަލުކުރުމަށާއި ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލާ، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި ކަމާ ގުޅޭ އިދާރާތަކަށް މައްސަލަ ހުށަހެޅުމަށްވެސް އިންކުއަރީ އަށް ބެލުމަށްފަހު އެލްޖީއޭ އިން ބޯޑުން ނިންމާފައިވެ އެވެ.