ދިރާގުގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްއިއްޔާއާ ގުޅިގެން ހއ. އިހަވަންދޫގައި ކުރިއަށް ގެންދިޔަ "ޔަންގް ފިޝާސް ކްލަބް" ނިންމާލައިފި އެވެ.
އިހަވަންދޫ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސްކޫލްގެ 25 އަންހެން ދަރިވަރުންނާއި 10 ފިރިހެން ދަރިވަރުން ހިމެނޭ ގޮތަށް ޖުމްލަ 35 ދަރިވަރުން ވަނީ މި ޕްރޮގްރާމުން ދަސްވެނިވެފަ އެވެ.
އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް މަސްވެރިކަމާއި، ކަނޑުގެ މާހައުލާއި، ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތައާރަފުކޮށް އަސާސީ މައުލޫމާތު ފޯރުކޮށްދީ އެއާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ވަނީ ދަސްކޮށްދީފަ އެވެ.
މީގެ އިތުރުން ފެތުމާއި ސްނޯކްލިން އަދި އިސްނެގުމާއި އެކުގައި މަސައްކަތް ކުރުން ފަދަ ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށްވެސް ވަނީ އަލިއަޅުވާލާފައިފަ އެވެ. މި ހުނަރުތައް ކުދިންނަށް ދަސްކޮށްދީފައިވަނީ އަމަލީ ތަޖުރިބާއާއެކު މިކަމުގެ މާހިރުންގެ އިރުޝާދުގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ މަސްވެރިންގެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދު ވިދާޅުވީ ޕްރޮގްރާމުން ހާސިލުކުރެވުނީ އެ ޖަމިއްޔާއިން ޒުވާނުން މަސްވެރިކަމުގެ ސިނާއަތައް ޝައުގުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމުގަ އެވެ.
މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުން މުސްތަގުބަލުގައި އިހަވަންދޫ ސްކޫލްގައި ހިންގާ ކްލަބްގެ ހަރަކާތްތަކާއި އެހެނިހެން ސްކޫލްތަކުގައި ހިންގާ ޔަންގް ފިޝާސް ކްލަބްގެ ހަރަކާތްތަކުގައި ލީޑަރުންގެ ގޮތުގައި ފެނިގެން ދިއުމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އިހަވަންދޫ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވީ "ޔަންގް ފިޝާސް ކްލަބް" އަކީ ސްކޫލަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި ތިމާވެއްޓާއި މަސްވެރިކަމާއި ކަނޑުފަޅާއި އޮޔާއި ވައިގެ އަސަރުތައް ދަރިވަރުންނަށް ޕްރޮގްރާމް މެދުވެރިކޮށް ތަޖުރިބާ ކުރެވުނު ކަމަށެވެ.
"ތިމާވެއްޓާއި ކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި މުރަކަ އިންދާ ހައްދާނެ ގޮތާއި ފަރުތައް ހިމާޔަތްކުރުމާއި ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާ މެދު ކުދިންގެ ޝައުގުވެރިކަން އުފެދުނު. އަދި ނަތީޖާއެއްގެ ގޮތުން ސްކޫލް ކަރިކިއުލަމް ތަންފީޒް ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދިޔަ،" އަހުމަދު ރަޝީދު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ދިރާގުގެ ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަބްދުﷲ ސާދިގު ވިދާޅުވީ މި ޕްރޮގްރާމުން ދަސްވެނިވި 35 ދަރިވަރުންގެ ތެރެއިން 25 ދަރިވަރުންނަކީ އަންހެން ކުދިންކަން ފާހަގަކޮށްފަ އެވެ.
"މިއީ މި ޕްރޮގްރާމުން ދެ މިންތިއަށް އިސްކަންދޭކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް. އަދި މަސްވެރިކަން ފަދަ ދިވެހިރާއްޖޭގެ އަސާސީ ސިނާއަތެއްގައި ދެ މިންތީގެ ހަމަހަމަ ބައިވެރިވުމާއި ތަމްސީލުކުރުމަށް މަގުފަހިކޮށްދިނުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.
ޔަންގް ފިޝާސް ކްލަބުގައި ބައިވެރިވި ދަރިވަރުން ވަނީ މި ޕްރޮގްރާމްގެ ސަބަބުން ބަޔޯޑައިވާސިޓީ އާއި މަސްވެރިކަމާއި މޫސުމާ ގުޅުންހުރި އަގުހުރި ހުނަރުތަކާއި އެއްކޮށް މަސައްކަތް ކުރުމާއި އިސްނެގުން ފަދަ ހުނަރުތައް ދަސްވިކަމަށް ބުނެފަ އެވެ.
އެގޮތުން މި ސެޝަންތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ރާއްޖޭގެ މަސްވެރިކަމުގެ ތާރީހާއި ކަނޑުގެ މާހައުލާއި މޫސުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ޑިޒާސްޓާ މެނޭޖްމެންޓާއި ބަޔޯޑައިވާސިޓީއާއި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ފަސްޓް އެއިޑް މަސްވެރިކަން މެނޭޖްކުރުމާއި ޕޯސްޓް ހާބަޓް ޓެކްނޮލޮޖީއާއި ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސްކިލްސް ދަސްވެގެންދިޔަކަން ފާހަގަކޮށްފަ އެވެ.
ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުވާ ތިމާވެށި ހިމާޔާތްކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ވަރަށް ހާއްސަ އަހަމިއްޔަތު ކަމެއް ދީފައިވާ ދާއިރާތަކެކެވެ. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަނޑުތައް ހިމާޔަތްކުރުމާއި ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކަށް އެއްބާރުލުން ދިނުމަށެވެ.