އަބްދުﷲ ޖާބިރު

ފްރީޒް ކުރި ޖާބިރުގެ އެކައުންޓްތައް ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށްފި އެވެ.

ޖާބިރުގެ އެކައުންޓްތައް ފްރީޒްކުރަން މިދިޔަ މަހުގެ ތެރޭގައި ސިވިލް ކޯޓުން އަމުރުކުރީ މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ހިއްސާ ގަތުމަށްފަހު އެއްބަސްވި ގޮތަކަށް ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެކައުންޓްތައް ފްރީޒްކުރުމަށް ނެރުނު އަމުރުގައިވަނީ ޖާބިރުގެ ނަމުގައިވާ އެކައުންޓްތަކާއި ޖާބިރުގެ މަސްލަހަތު ހިމެނޭހެން ހުޅުވާފައިވާ އެކައުންޓްތައް ފްރީޒުކުރުމަށެވެ. އެގޮތުން ފްރީޒްކުރަން އެންގި އެކައުންޓްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އާއި، ބޭންކް އޮފް ސިލޯނާއި، ދަ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އާއި އަދި ހޮންކޮން އެންޑް ޝަންހާއީ ބޭންކިން ކޯޕަރޭޝަން (އެޗްއެސްބީސީ) ގައި ހުޅުވާފައިވާ އެކައުންޓްތައް ހިމެނެ އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން ޖާބިރު ދޭންޖެހިފައިވާ 750،000 އެމެރިކާ ޑޮލަރުގެ ތެރެއިން ދީފައި އޮތީ އެއްލައްކަ ޑޮލަރެވެ. ޖާބިރުގެ އެކައުންޓްތައް ފްރީޒްކުރީ އެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމަންދެންނެވެ.

ޖާބިރުގެ ޣައިރު ހާޒިރުގައި ނެރުނު އަމުރު ސިވިލް ކޯޓުން މިހާރު ބާތިލްކޮށްފައި މިވަނީ ޖާބިރު ދައްކަންޖެހިފައިވާ ފައިސާގެ ކަންކަން ވަކި ގޮތަކަށް ހަމަޖެހި އެ އަމުރު މުރާޖައާކޮށްދިނުމަށް ޖާބިރުގެ ފަރާތުން ކޯޓަށް ހުށަހެޅުމުންނެވެ.