ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތެދުވެރިކަންނެތްކަން ވެރިކަންކުރާ ކޯލިޝަނަށް ސާބިތުކޮށްދިނުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް އޭނާގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ފަހުން ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ.
އެ ފައިސާ އަނބުރާ ހޯއްދަވަން މިދިއަ އަހަރު ފަހުކޮޅު ޖާބިރު ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅުއްވާފައިވާއިރު، ރައީސް މައުމޫން އަށް ފޮނުއްވި ސިޓީއެއްގައި ޖާބިރު ވިދާޅުވީ، 30 އަހަރުގެ ވެރިކަމެއް ކުރެއްވި ބޭފުޅަކު، ވެވަޑައިގެންފައިވާ ވައުދުތަކަށް އިހްތިރާމް ނުކުރައްވާ އެއްވެސް ފައިސާއެއް ނުނަންގަވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.
އަދި މައުމޫން ވަނީ، އޭނާގެ ހައްގުތަކަށް އަރައިވަޑައިގެންފައި ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"ދިވެހި ސަރުކާރު އެކުލެވިފައިވާ ކޯލިޝަނުން މަނިކުފާނުގެ ޕާޓީ ވަކި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް، ދިވެހި ރައްޔިތުންގެ ޕާޓީން މިހާރުން މިހާރަށް ފަށާފައިވާ ކަމަށް މަނިކުފާނުގެ މައުލޫމަތަށްޓަކައި ދެންނެވިން،" މައުމޫން އަކީ ވައުދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އިތުރުފުޅާއި ހީލަތް ހައްދަވާ، ބަހުގައި ތެދުވެރިކަން ނެތް ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ޖާބިރު ވިދާޅުވި އެވެ.
މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް ޖާބިރު ހުށަހެޅުއްވި މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ މައުމޫން މި ފައިސާ އަނބުރާ ނުދެއްކުމުން ކުރަންޖެހުނު އެތައް ވިޔަފާރި އެއް ނުކުރެވޭ ކަމަށާއި އަދި މި ވިޔަފާރިތަކުން ލިބެންޖެހޭ އެއްވެސް ނަފާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ވިޔާފާރިން ލިބޭ ގެއްލުން ދުވަހުން ދުވަހަކަށް ބޮޑުވެގެންދާ ކަމަށްވެސް ދައުވާގައި ޖާބިރު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެން ކަމުން ބަދަލުގައި މައުމޫނުގެ ގެކޮޅު ކިނބިގަސްދޮށުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓުގައި ޖާބިރު ވަނީ އެދިވަޑައިގެންފަ އެވެ.
ޖާބިރު ވިދާޅުވީ 29 މިލިއަން ރުފިޔާގެ މައްސަލާގައި ލިޔުމަކުން އެއްވެސް އެއްބަސްވުމެއް ނެތް ނަމަވެސް މި މުއާމަލާތް ހިންގި އިރު ހާޒިރުގައި އެތައް ބަޔަކު ތިބި ކަމަށެވެ. އަދި މި މީހުން ހެކިންގެ ގޮތުގައި ތިބުމަކީ މައުމޫން އިންކާރު ކުރެއްވެން އޮތް ކަމެއް ނޫން ކަމަށެވެ. މި މައްސަލާގައި ހެކިންގެ ގޮތުގައި ޖާބިރު ހުށަހަޅުއްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދުގެ އިތުރުން އެއްބަނޑު ދައްތަ އައިމިނަތު ޝަބީބާގެ ނަމެވެ.