އުރީދޫ

އުރީދޫގެ ޕެރިސް ދަތުރު ލިބޭ ނަސީބުވެރިޔާ ހޮވައިފި

އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވި ލަކީޑްރޯގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ޕެރިހުގައި ޕީއެސްޖީގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ލަކީޑްރޯގެ ނަސީބުވެރިއަކަށް ހޮވުނީ އުރީދޫގެ ސުޕަނެޓު ކަސްޓަމަރު އަރުޝަދު އަބްދުލް ހަކީމެވެ.

ޕެރިހައް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ދެ ރެއާއި ތިން ދުވަހަށް ފުލް ބޯޑާއި އެކު އެކޮމޮޑޭޝަންގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުން އެޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗު ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.

އުރީދޫން މި ލަކީޑްރޯ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 18 އިން ޑިސެމްބަރު 31 އަށެވެ. މި ލަކީޑްރޯއަކީ އުރީދޫގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ލަކީޑްރޯއެކެވެ.

ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.

މި ޕާޓްނަޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.