ޑރ. މުހައްމަދު މުއިއްޒު

ރައީސް މާލެ ވަޑައިގެންފި

Mar 4, 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިރޭ މާލެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

ރައީސް މުއިއްޒު މިމަހުގެ ދެވަނަ ދުވަހު ރ. އަދި ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން ދެ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވި އެވެ. އަދި މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެ އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލު ބައްލަވައި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނެ ގޮތާ މެދު މަޝްވަރާކުރައްވަ އެވެ. އަދި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވަ އެވެ.

ރައީސް މުއިއްޒު ވަނީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަކީ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން ތ. އަތޮޅަށް ވަޑައިގެން އެ ރަށްތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވާފަ އެވެ.

މީގެ އިތުރުން ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި އަދި ނ. އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާވެސް ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ.