ޑރ. މުހައްމަދު މުއިއްޒު

މަޝްރޫއުތައް ނުނިންމާ ރިބަން ކަނޑަނީ ދަޅަ ދައްކަން: މުއިއްޒު

ސަރުކާރުން ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތައް ނުނިންމާ ރިބަން ކަނޑަނީ ދަޅަ ދައްކަން ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރ. ރަސްގަތީމަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ބައެއް ރަށްރަށުގައި މަޝްރޫއުތައް ނުނިމެނީސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ މަޝްރޫއުތަކުގެ ރިބަން ކަނޑުއްވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ފެނުގެ ޕައިޕިންގް މަސައްކަތުގެ 70 އިންސައްތަ ނުނިމެނީސް ބައެއް ރަށްރަށުގައި ރިބަން ކަނޑުއްވާފައިވާ ކަމަށާއި ރަސްގަތީމަކީ ވެސް އެފަދަ ރަށެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ނަރުދަމާ އަދި ފެނުގެ ނިޒާމުގެ މަސައްކަތްތައް ނުނިމެނީސް ބައެއް ރަށްރަށުގައި އެބަހުރި ރައީސް އަރާ ރިބަން ކަނޑާފަ، މިހާރު އެކަހަލަ ދެތިން ރަށަކާ އަޅުގަނޑާ ދިމާ ވެއްޖެ، މިއީ ވެސް އެފަދަ ރަށެއް" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ އޭނާގެ ވެރިކަމުގައި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އެއްވެސް މަޝްރޫއެއް ނުހުއްޓާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.

މުއިއްޒު ރަސްގަތީމަށް ވެވަޑައިގެންނެވި ވައުދުތައް

  • އޮޑި އެހެލާނެ ތަނެއް ގާއިމުކުރުން
  • ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުން
  • ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ގާއިމުކުރުން
  • ސިއްހީ މަރުކަޒު ތަރައްގީކުރުން
  • ކުނި މެނޭޖުކުރާނެ ނިޒާމެއް ގާއިމުކުރުން

މީގެ އިތުރުން މުއިއްޒު ވަނީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނާސަރީ އަދި ބޭބީ ނާސަރީ އަމިއްލަ ގޮތުން ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދީ އެ ފަރާތްތަކަށް މާލީ އެހީ ދޭނެ ކަމަށް ވިދާޅުވެފަ އެވެ.