ދުނިޔެ

ކާމިޔާބު ހޯދާނަން: ނަތަންޔާހޫ

ފަލަސްތީންގެ ޣައްޒާއިން ހަމާސްގެ ވަސްކަނޑުވާލާނެ ކަމަށް ވިދާޅުވެ އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރިން ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވައިފި އެވެ.

ނަތަންޔާހޫ ވިދާޅުވީ މެދުއިރުމަތީގައި ހަމާސްއަށް ހަރަކާތްތެރި ނުވެވޭ ވަރު ކުރުމަކީ އަސްކަރިއްޔާއަށް ދެއްވާފައި އޮތް އިރުޝާދެއް ކަމަށެވެ.

ޣައްޒާ ހަމަލާތައް ރޯދަމަސް ނިމެންދެން މަޑުޖައްސާލަން މުޅި ދުނިޔެ ގޮވާލަމުން އަންނައިރު ނަތަންޔާހޫ އިހްތިޔާރު ކުރައްވަނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށެވެ.

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށް ދިނުމަށް އިޒުރޭލަށް ގޮވާލާފައި އޮތްއިރުވެސް ޔަހޫދީން އެކަމަށް އެއްވެސް އެއްބާރުލުމެއް ނުދެ އެވެ.

އެކްސްގައި މެސެޖްކުރައްވައި ނަތަޔަންހޫ ވިދާޅުވީ ހަމާސްގެ ދިރިތިބި ލީޑަރެއްނަމަ މިހާރުވެސް އެ ތިބީ މަރުވެފައި ކަމަށެވެ. އިޒުރޭލު ސިފައިން ކޮންމެ ދުވަހަކު ހަމާސްގެ ލީޑަރަކު މަރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނަތަންޔާހޫ ވިދާޅުވީ ހަމާސް ނައްތާލުމަށް އިޒުރޭލަށް ހުރަކަށް އޮތީ ވަގުތު ކަމަށެވެ. އިޒުރޭލަށް ކާމިޔާބު އޮތީ ފެންނަ ފަށުގައި ކަމަށާއި ހަމާސްގެ ލީޑަރުން މަރަމުން ދަނީ ތަރުތީބުން -- ތިރިން މައްޗަށް ކަމަށްވެސް ވިދާޅުވި އެވެ.

ހަމާސްގެ ލީޑަރުން ފިލައި ތިބި ނަމަވެސް އިޒުރޭލު ސިފައިން އެ ތަނަކަށް ވަންނާނެ ކަމުގައިވެސް ނަތަންޔާހޫ ވިދާޅުވި އެވެ. ކަރުމައްޗަށް ޖަހައި ބަލަހައްޓައިގެން ތިއްބައި ހިނދުކޮޅެއްގެ ތެރޭގައި ހަމާސް ނެތި ހިނގައިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނަތަންޔާހު ވިދާޅުވި ގޮތުން ހަމާސްގެ ލީޑަރުން ލުބްނާންގައި ނުވަތަ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އިޒުރޭލުގެ އުންޑަތައް އެ މީހުންގެ ފަހަތުން ދުވާނެ އެވެ. ބަޔަކު ފިލާ ތިބި ތަނެއް އިޒުރޭލަށް މުހިއްމު ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ނަތަންޔާހޫގެ ބަސްމަގު ހަރުކަށި ކުރައްވާފައި މިވަނީ މުސްލިމުން ރޯދަ މަހަށް މަރުހަބާ ކިޔާފައި ވަނިކޮށެވެ. އަދި އިޒުރޭލާ ގާތް ގުޅުންތައް ދަމަހައްޓާ އަރަބި ގައުމުތަކުން، ހަމަލާތައް މެދުކަނޑާލުމަށް އެދިވަޑައިގެންފައި ވަނިކޮށެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ގަތަރާއި މިސްރު މެދުވެރިކޮށް ހަމާސްއާ އިޒުރޭލާ ދެމެދު ކުރި ހުރިހާ މަޝްވަރާއެއް ވަނީ ފޭލިވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން ކަނޑައެޅި ޝަރުތު އިޒުރޭލަށް ކަމުނުގޮސް އަދި އިޒުރޭލުން ކަނޑައެޅި ޝަރުތު ހަމާސްއަށް އޮތީ ކަމުނުގޮސްފަ އެވެ.