ކުޑަކުދިން

ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ހާއްސަ އިރުޝާދެއް

ކުޑަކުދިން ބޭނުންކޮށްގެން ކުރާ ޖިނާއީ ކުށްތަކާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމުގައާއި ދައުވާކުރުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައިފި އެވެ.

މިއިރުޝާދަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ)ގައި ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނަރަލަށް އޮތް މަސްއޫލިއްޔަތުގެ ދަށުން ނެރެފައިވާ އިރުޝާދެކެވެ.

ޕީޖީ އޮފީހުން ބުނީ މިފަދަ އިރުޝާދެއް އެކުލަވާލީ ކުޑަކުދިން ބޭނުންކޮށްގެން ކުރާ ކުށްތަކަކީ، އެފަދަ ކުށްތައް ތަހުގީގުކުރުމާއި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރި ބާވަތެއްގެ ކުށަކަށްވާތީއާއި، މިކަމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކުން އެއްގޮތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.

މިއިރުޝާދުގެ ސަބަބުން ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމްކޮށްގެންނާއި ރެކްރޫޓް ކޮށްގެން އެކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް ރާއްޖޭގެ ހުރިހާ ދިމާއެއްގައި މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. މިބާވަތުގެ މައްސަލަތަކުގައި ފުލުހުން ތަހުގީގުގައި ބަލާނެ ކަންކަމާއި ދައުވާކުރުމުގައި ގެންގުޅޭ އުސޫލުތައް، މިދާއިރާގައި މަސައްކަތްކުރާ ހުރިހާ އިދާރާތަކަށް މިއިރުޝާދާ އެކު ސާފުވެފައި އޮންނާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާ -- ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގައި، ތަފާތު އެކިއެކި ކުށް ކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް ނުވަތަ އެނޫން ގޮތަކަށްވެސް ބޭނުންކުރުމަކީ އޭގެ ޒާތުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.