ހަބަރު

ޓޫރިޒަމްގެ މަސައްކަތްތައް ހިންގާ ނަމަ ފުވައްމުލަކު އެއާޕޯޓުން ފައިދާ ވާނެ: ނަޝީދު

ފުވައްމުލަކު އެއާޕޯޓާ ގުޅިފައިވާ އެރަށުގެ ފަތުރުވެރިކަމުގައި މަސައްކަތް ކޮށްފި ނަމަ އެ އެއާޕޯޓުން ފައިދާ ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ ފުވައްމުލަކު އެއާޕޯޓް މިހާރު ހިންގަމުން އަންނަ އެސްޓީއޯއަށް އެ އެއާޕޯޓް ހިންގައިގެން ގެއްލުން ވަމުންދާތީ އެސްޓީއޯއަށް ބަދަލު ދިނުމަށް ފަހު އެތަން ސަރުކާރަށް ނަގަން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ އެއާޕޯޓްގެ މަޝްރޫއާ ގުޅިފައިވާ ޓޫރިޒަމްގެ މަސައްކަތްތައް ހިންގައިފި ނަމަ އެ އެއާޕޯޓުން ފައިދާ ވާނެ ކަމަށެވެ.

ޓޫރިޒަމްގެ މަސައްކަތް ފުވައްމުލަކުގައި ކޮށްފި ނަމަ އެއާޕޯޓަށް ފައިދާ ވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު އެރަށުގައި ސިޓީ ހޮޓަލެއް އެޅުމަށް ކަމަށް ބުނެ އެރަށުގެ ބޮޑު ސަރަހައްދެއް މިހާރު ވެސް އެކަމަށް ޚާއްސަކޮށްފައި އެބައޮތެވެ.

ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު 1،200 ފޫޓްގެ ދިގު ރަންވޭއަކާ އެކު އެޅި އެ އެއާޕޯޓް ހިންގަން އެސްޓީއޯއަށް ދިނީ ރިސޯޓް ތަރައްގީ ކުރުމަށް ބ. އަތޮޅުން ރަށެއް ދިނުމަށް ފަހު އެވެ. ނަމަވެސް އެ ރަށް މިހާތަނަށް ވެސް ތަރައްގީ ނުކުރެވޭތީ އާއި އެއާޕޯޓް ހިންގައިގެން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވުމުން އެކަމުގެ ޝަކުވާ އެސްޓީއޯއިން ކުރިން ވެސް ދިޔައީ ކުރަމުންނެވެ.