ހުޅުމާލެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހުޅުވައިފި

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ވަގުތީ މިސްކިތެއް ހުޅުވައިފި އެވެ.

"މަސްޖިދުލް ޝާކިރީން" ގާއިމުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ.

މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަކަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުވި މިސްކިތެކެވެ.

އެއްފަހަރާ 100 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.