ދުންޔާ މައުމޫން

"ގާނޫނު އެއްފަރާތްކުރަން ގޮވަނީ ދެތިން މީހަކަށްޓަކައި"

ދެ ތިން މީހަކަށްޓަކައި ރާއްޖޭގެ ގާނޫނު އެއްފަރާތް ކުރަން ބައެއް ފަރާތްތަކުން ގޮވާލާ ކަމަށާއި ނަމަވެސް ރައީސް އަބްދުﷲ ޔާމީން ހުންނެވީ ގާނޫނުގެ ބާރު ނަގަހެއްޓުމުގައި ސާބިތުކަންމަތީ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 31 ވަނަ ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނެވެ. އެކަމަނާ ވިދާޅުވީ ގާނޫނުތަކަށް ތަބާވެ އެ ދެމެހެއްޓުމަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރަން ބޭނުންވާނެ އެންމެ މުހިންމު އެއް އުޅަނދު ކަމަށާއި އޭގެ ސަބަބުން ގައުމު އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރިއަރައިގެން ދާނެ ކަމަށެވެ.

އެހެން ނަމަވެސް ދެތިން މީހަކަށްޓަކައި ރާއްޖޭގެ ގާނޫނުތައް އެއްފަރާތަށް ޖައްސަން ބައެއް ފަރާތްތަކުން ރާއްޖެއަށް ގޮވާލަމުން އަންނަ ކަމަށާއި އެފަދަ ކަންކަމަށް ގޮވާލުމަކީ އިންސާނީ ހައްގުތައް ދަމަހައްޓަން ކުރާ މަސައްކަތައް ބުރޫއަރާ ކަމެއް ކަމަށެވެ.

"އެހެންވެ ރައީސް ޔާމީން ހުންނަވަނީ ކިތަންމެ ވަރަކަށް ބޭރުގެ ފިއްތުންތައް އަޔަސް ގާނޫނު އިސްކުރައްވައި ސާބިތު ކަންމަތީގައި،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ފުރިހަމަ ޑިމޮކްރަސީއެއްގައި ހުންނަ ކަންތައްތައް ގެނައުމަށް ރާއްޖެއަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ދުވަސް ކޮޅެއް ތެރޭގައި ހާސިލްވެވޭ ކަމެއް ނޫން ކަމަށާއި އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަން ހާސިލް ކުރުމަށް ގައުމުތަކުގެ ފަރާތުން ބޭނުންވަނީ އެއްބާރުލުން ކަމަށާއި ޖެއްސުންކުރުމާއި ފިއްތުންތަކެއް ނޫން ކަމަށެވެ.

"ދިވެހިން މި އެދެނީ މިކަންކަން ހާސިލް ކުރާނެ ގޮތްތައް ދެނެގަނެ އަޅުގަނޑުމެންގެ އަމިއްލަ އުސޫލާއި ހަމަތަކުގެ ތެރެއިން އެކަން ކުރުމަށް ފުރުސަތާއި ޖާގަ ދިނުމަށް،" ދުންޔާ ވިދާޅުވި އެވެ.