ހެރިޓޭޖް މިނިސްޓްރީ

އަންނަ މަހު އާޓް ގެލެރީ ކުއްޔަށް ދޫކުރަން ފަށަނީ

މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން މަރާމާތައް ބަންދުކޮށްފައި ހުރި ނެޝަނަލް އާޓް ގެލެރީ އަންނަ މަހުގެ 15 އިން ފެށިގެން ކުއްޔަށް ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ނެޝަނަލް ސެންޓާ ފޮ ދަ އާޓްސް (އެންސީއޭ)އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ 15 އިން ފެށިގެން އާޓް ގެލެރީ ކުއްޔަށް ދޫކުރާނެ ކަމަށެވެ.

ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނީ މީގެ ކުރިންވެސް އަމަލު ކުރަމުން އައި އުސޫލުން ކަމަށް އެންސީއޭއިން ބުނެ އެވެ.

އާޓް ގެލެރީ ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހަޅާ ފޯމް އެންސީއޭގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އާޓް ގެލެރީ ކުއްޔަށް ދޫކުރަން އެންސީއޭ އިން ނިންމާފައި މިވަނީ އާޓް ގެލެރީ ބަންދުކޮށްފައި ހުންނާތީ ރާއްޖޭގައި ތިބި ވަރަށް ގިނަ ފަންނާނުންނަށް އެމީހުންގެ ހުނަރުތައް ދައްކާލުމަށް ހުރަސްއެޅޭ ކަމަށް މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ)އިން ބުނެފައި ވަނިކޮށެވެ.

އެމްއޭސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާޓް ގެލެރީ ބަންދުކޮށްފައި ހުރުމުން އެ ކޮމިއުނިޓީން ބާއްވަން ބޭނުންވާ ގިނަ އާޓް އިވެންޓްތަކެއް ފަސްކުރަންޖެހިފައިވާ ކަމަށެވެ. އަދި މިއީ އާޓިސްޓުންނަށް ލިބޭ ނިކަމެތި ކަމެއްގެ ގޮތުގައި އެމްއޭސީން ވަނީ ސިފަކޮށްފަ އެވެ.