ދުންޔާ މައުމޫން

ޑރ. ޝަހީދަކީ ހިޔާނާތްތެރިއެއް ކަމަށް ދުންޔާ ސިފަކުރައްވައިފި

ޑރ. އަހްމަދު ޝަހީދަކީ ހިޔާނާތްތެރިއެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސިފަކުރައްވައިފި އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދަށް ފާޑުވިދާޅުވެ ދުންޔާ ވާހަކަދައްކަވާފައި މިވަނީ އިޒްރޭލު ސިފައިންނާއި ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންގެންދާ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ހަނގުރާމައާއި ގުޅިގެން އިޒްރޭލަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައިވާތީ އެެވެ.

އިޒްރޭލަށް ހެޔޮއެދިވަޑައިގެން ޑރ. ޝަހީދު ވާހަކަދައްކަވާ ވީޑިއޯއެއް އިޒްރޭލަށް ތާއީދު ކުރާ ބަޔަކު ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އެތައް ބައެއްގެ ފާޑުކިޔުންތައް ޑރ. ޝަހީދަށް އަމާޒުވި އެވެ. ފާޑުކިޔުންތަކާ ގުޅިގެން ވީޑިއޯ އާންމުކުރި ފަރާތުން ވަނީ އެ ވީޑިއޯ ޑިލީޓްކޮށްލާފަ އެވެ. ނަމަވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިހާރު އެ ވީޑިއޯ ވަނީ ވައިރަލް ވެފަ އެވެ.

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގެ ދިފާއުގައި ޑރ. ޝަހީދު ވާހަކަ ދެއްކެވުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު ޑރ. ޝަހީދުވެސް ވަނީ އެކްސް އިން "ގެއްލިފަ" އެވެ. އޭނާގެ އެކްސް އެކައުންޓްވެސް މިހާރު ނުފެނެ އެވެ.

އާންމުވެގެން އުޅޭ ވީޑިއޯގައި ޑރ. ޝަހީދު ވިދާޅުވީ ޔަހޫދީންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މިދިޔަ ހައެއްކަ އަހަރު ދުވަހު އޭނާ މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ.

ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތުން މިމަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ވަރުގަދަ ރޮކެޓް ހަމަލާތަކުގައި މަރުވި ޔަހޫދީންނަށް ހަމްދަރުދީވެ ޑރ. ޝަހީދު ވިދާޅުވީ ޔަހޫދީ އާއިލާތަކުން މިހާރު ކުރަމުންދާ ހިތާމަތައް އިހްސާސްކޮށްލުމަށްވެސް ދަތި ކަމަށެވެ.

ހަމާސް އަކީ "ޓެރަރިސްޓް" ޖަމާއަތެއް ކަމަށް މިވީޑިއޯގައި ވަރަށް ސާފުކޮށް ޑރ. ޝަހީދު ވިދާޅުވެ އެވެ. އަދި ހަމާސްގެ ހަމަލާތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ހަމަލާތަކެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީންގެ ގާޒާއަށް އެއްވެސް ހަމައެއްލަމައެއް ނެތި ބޮން އަޅައި ފަލަސްތީންގެ 5،000 އަށް ވުރެ ގިނަ ރައްޔިތުން ޝާހިދުކޮށްލާފައިވާއިރު ފަލަސްތީން ރައްޔިތުންގެ ހައްގުގައި ޑރ. ޝަހީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ޝަހީދުގެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވަމުން ދުންޔާ މައުމޫން ވިދާޅުވީ ދިވެއްސެއްގެ ހައިސިއްޔަތުން އެކަމަނާ ލަދުގަންނަނީ އެހެން ދިވެއްސެއް އިޒްރޭލަށް ތާއީދުކުރައްވައި ނެންގެވި "ސްޓޭންޑެއް"ގެ ސަބަބުން ކަމަށެވެ.

"ކުރީގެ ފޮރިން މިނިސްޓަރަކު މިފަދަ ވާހަކަތައް ދެއްކުމަކީ ދިވެހި ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް. މިފަދަ އަމަލުތައް ފެންނަނީ ހަމައެކަނި ގައުމަށް ޚިޔާނާތްތެރިންގެ ކިބައިން،" ދުންޔާ ވިދާޅުވި އެވެ.

އާންމުކޮށް މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ޑރ. ޝަހީދަކީ ދީނީ މައްސަލަތަކާއި އިންސާނީ ހައްގުތަކާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ދޭތެރެދޭތެރެއިން ހޫނުފެނަށް ވެއްޓޭ ބޭފުޅެކެވެ.